English Edition
Dhivehi Edition

ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި ނޯޕޭ ލީވްއަށް ފޮނުވުމާއި ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ކުރަމުންދަނީ ގާނޫނާ ހިލާފަށް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތައް ބަންދުކުރުމާ އެކު މިހާތަނަށް 11،000 މުވައްޒަފުން ނޯ ޕޭގައި ފޮނުވާލަން ނިންމުމުން ރިސޯޓްތަކުގެ އަމަލްތައް ހުރީ ގާނޫނާ ހިލާފަށް ކަމަށްބުނެ ލޭބާ އޮތޯރިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ ވަޒީފާ ދޭ ފަރާތްތަކުން މި ދުވަސްވަރު މުވައްޒަފުން ވަޒީފާއިން ވަކި ކުރުމާއި މުސާރަ ދަށްކުރުމާއި ނޯޕޭއަށް ފޮނުވަމުންދާކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ލިބެމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ވެސް މުވައްޒަފުން ވަކިކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލް ކުރުމަށް ލޭބާއިން ވަނީ ގޮވާލާފައެވެ.

މާޗް މަހުން ފެށިގެން ވަޒީފާ ދޭ އެއްވެސް ފަރާތަކުން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ހާލަތަށް ބަދަލެއް ގެނެސްފައިވާނަމަ އެކަން ނިންމި ގޮތް ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ. މިކަން އެންގުމަށްޓަކައި އެ އޮތޯރިޓީގެ ވެބްސައިޓުގައިވާ ‘އެމްޕްލޯއިމަންޓް ސްޓޭޓަސް ޗޭންޖް އިންފޮމޭޝަން ޝީޓު’ ފުރިހަމަ ކުރުމަށްފަހު އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން [email protected] އަށް މެއިލް ކުރުމަށް އެދިފައިވެ އެވެ.

ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އެހީގެ ޕެކޭޖްގައި، އުސޫލުތަކާ އެއްގޮތަށް މުވައްޒަފުންނާ މެދު އަމަލުކުރާ ވިޔަފާރިތަކަށް އިސްކަންދިނުން ހިމެނޭތީ، އެކަން ލޭބަ އޮތޯރިޓީން، ރިސޯޓްތަކުގެ ސަމާލުކަމަށް ގެނެސްފައިވެ އެވެ.

ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން ނޯޕޭ ލީވްގައި ފޮނުވާ މައްސަލައާއި ގުޅިގެން ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓީމްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިހާތަނަށް 58 އަށް ވުރެ ގިނަ ރިސޯޓުން އެތަންތަނުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށާއި ނޯޕޭއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މިހާ ގިނަ އަދަދެއްގެ ބަޔަކު ނޯ ޕޭއަށް ދާން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ޓީމުން ބުނެ އެވެ.

ޓީމުން ވަނީ ކަމާ ބެހޭ ރަސްމީ އިދާރާތަކުގެ ސަމާލުކަމަށް އެ މައްސަަލަ ގެނެސްފަ އެވެ.