ޓޮޓެންހަމް ހޮޓްސްޕާގެ ފަރާތުން އުއްމީދުކުރާ ކަންތައްތައް ހާސިލްވާނެކަމާމެދު ސުވާލު އުފެދިއްޖެ ނަމަ އެ ކްލަބު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ހެރީ ކޭން ދީފި އެވެ.
ޓޮޓެންހަމްގެ ވައިސް ކެޕްޓަން ކަން ކުރަމުން އަންނަ ކޭން ބުނީ އެ ކްލަބު ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި، އެ ލޯބި ދާއިމަށް ދެމިއޮންނާނެ ކަމަށެވެ. އެހެންނަމަވެސް، މުޅި ކެރިއަރު އެއްކޮށް އެ ކްލަބުގައި ދެމިހުރުމުގެ ފުރުޞަތު އޮތީ ގިނަގުނަ ކާމިޔާބީތަކެއް ހޯދިގެންކަމަށެވެ.
މީގެއިތުރުން، ކޭން ވަނީ ދުނިޔޭގެ ފެންވަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން ބޭނުންވާކަމަށް ބުނެފައެވެ. ނަމަވެސް އޭގެ މާނައަކީ، ޓޮޓެންހަމް އާއެކު މުޅި ކެރިއަރު ހޭދަކުރުން ނޫން ކަމަށާއި، އެކަމަކު އެ ފުރުޞަތު ވެސް އެބައޮތްކަމަށެވެ.
ޓޮޓެންހަމްގެ ޖާޒީގައި މިހާތަނަށް ކުޅެދިން 278 މެޗުގައި 180 އަށްވުރެ ގިނަ ގޯލް ޖަހައިދީފައިވާ ކޭން ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 25 މެޗުގައި 17 ލަނޑުޖަހައިދީފައެވެ.
މިވަގުތު އަނިޔާގައި ހުރި ކޭން ވަނީ މިހާރު މުޅި ދުނިޔޭގައި ފެތުރިފައިވާ ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގުގެ މެޗުތައް އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމާނުލެވިއްޖެނަމަ އެއްކޮށް ކެންސަލް ކުރަން ތާއީދުކުރާ ކަމަށް ބުނެފައެވެ.
އަދި މި ސީޒަނުގެ ކުޅުން ޖުލައި ނުވަތަ އޮގަސްޓްމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޖެހިގެން އަންނަ ސީޒަން އިތުރަށް ލަސްކުރުމުން މާބޮޑު ފައިދާއެއް ކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެކަމަކު މާލީގޮތުން މިކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތައް ނޭނގޭ ކަމަށްވެސް ކޭން ބުންޏެވެ.