English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގައި ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ވޭވް ސައުންޑް ގެސްޓްހައުސް އެއްވެސް އަގަކާ ނުލައި ދިނުމަށް ތައްޔާރު ކަމުގައި އެތަނުގެ ވެރިފަރާތުން ބުނެފިއެވެ.

ވޭވްސައުންޑަކީ އައްޑޫސިޓީގެ މަރަދޫފޭދޫ ބީޗް އޭރިއާއެއްގައި ތައްޔާރުކޮށް ހިންގަމުން އަންނަ 7 ކޮޓަރީގެ ރީތި ގެސްޓްހައުސްއެކެވެ. މިއީ ތްރީއެސް މޯލްޑިވްސް ގެ ފަރާތުން ހިންގަމުން އަންނަ ،ގުދުރަތީ ރީތިކަން ހާމަވާ ގޮތަށް ހަދާފައިވާ ހިތްގައިމު ތަަނެކެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވޭވް ސައުންޑުގެ އޯނަރ ޙުސައިން ރަޝީދު ވިދާޅުވީ އައްޑޫސިޓީކައުންސިލުން ބޭނުންވެއްޖެ ހާލަތެއްގައި އެއްވެސް އަގަކާ ނުލައި ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މުޅި ގެސްޓްހައުސް ދިނުމަށް ތައްޔާރުކަމަށެވެ.

ގިނަ ފަތުރުވެރިންނަށް ހިތްގައިމު މަންޒިލެއް ކަމުގައިވާ މި ގެސްޓް ހައުސް އިން ވަނީ ކޮވިޑް19 އާއި ގުޅިގެން މާޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްގެ ހުރިހާ ބުކިންސްތައް ކެންސަލް ކޮށްފައެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި މިވަގުތު ހަދާފައިވަނީ ގަމުގައި ހުންނަ ދޫގަސް އެވެ. އަދި އެތަނުގައި އެއްވެސް މީހަކު ކަރަންޓީނު ކޮށްފައެއް ނުވެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީން މިހާތަނަށް 6 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ ނަތީޖާއެއްވެސް ނެގެޓިވް ކަމަށް އައްޑޫސިޓީގައި ހަދާފައިވާ އެމަޖެންސީ ރެސްޕޮންސް ޓާސްކު ފޯހުން ވަނީ ބުނެފައެވެ.