English Edition
Dhivehi Edition

ވަސްދުވުމުން މަޙްރޫމް ވުމަކީ ކޮވިޑް 19 ގެ ބަލިހުރިކަން ނޭނގި ހުއްޓާ،އެކަން ފަޅާ އަރާ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެފިއެވެ.

ދަރިފުޅުގެ ނެޕީގެ ވަސް މަންމައަށް ނުދުވުމާއި ކާތަކެތީގެ މީރު ވަސް ނުދުވައިގެން ޝަކުވާ ކުރަމުންދާ ކޮރޯނާ ވައިރަހުގެ ބަލިމީހުން އިތުރުވަމުންދާތީ ބެލިބެލުމުން މިބަލީގައި ވަސްދުވުމުން މަޙުރޫމްވާކަން ދެނެގަނެވިއްޖެއެވެ.

އިނގިރޭސި ވިލާތާއި އެމެރިކާ އަދި ޕްރާންސްގެ ޑޮކްޓަރުންނަށް ވަނީ މިދުވަސްވަރު “އަނޮސްމިއާ” ގެ ބަލިމީހުން ގިނަވަމުން އަންނަ ކަން ފާހަގަ ވެފައެވެ.

596350 މީހުންނަށް ކޮރޯނާވައިރަސް ބަލި ޖެހިފައިވާ ކަން ޓެސްޓު ތަކުން ހާމަވިޔަސް މިބަލި ޖެހުނުކަން ނޭނގޭ އެތައް ބަޔަކު މިހާރުވެސް ޓެސްޓު ނުކުރެވި އެބަތިއްބެވެ.

މިމީހުންގެ ފަރާތުން ބަލި ފެތުރުމުގެ ބިރު ބޮޑު ވެފައި ވުމާއެކު މިއީ އެތައް ބަޔަކު ކަންބޮޑުވުން ފާޅު ކުރާ މައްސަލައެކެވެ.

ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމްޢިއްޔާ ޑަބްލިއު އެޗްއޯއިން ކޮވިޑް 19 ގެ ޢަލާމާތްތައް ކަމަށް ލަފާ ކޮށްފައިވަނީ ހުންއައިސް ކެއްސާ ވަރުބަލިވުމެވެ.

ދުނިޔޭގެ ކަރުން މަތީގެ އީއެންޓީ ޑޮކްޓަރުން ދަނީ ކުއްލިއަކަށް ވަސް ދުވުމުން މަޙްރޫމް ވެއްޖެ ކަން އެނގުމާއެކު ޓެސްޓު ކުރެވެންދެން ވެސް އެހެން މީހުންނާއި އެކަހެރިވެ ވަކިން އުޅުމަށް ގޮވާލާފައެވެ.

އަނޮސްމިއާ ނުވަތަ ވަސްދުވުމުން މަޙްރޫމްވާ ބައްޔަކީ ކޮވިޑް 19 ފަދަ ތަފާތު އެކި އެކި ވައިރަސްގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތަކާއެކު 40 އިން ސައްތަ މީހުން ތަޙައްމަލު ކުރާ ބައްޔެކެވެ.

އީއެންޓި ޑޮކްޓަރުން ވަނީ ކޮވިޑް 19 ބަލި ޖެހިފައިވާ 15 އިން ސައްތަ މީހުންނަށް އެނޯސްމިއާ ޖެހިފައިވާ ކަމަށް ބުނެފައެވެ.

އިޓަލީގެ ހެލްތް ވޯކަރަކު ވަނީ އޭނާއާއެކު ފްރޮންޓްލައިންގައި މަސައްކަތް ކުރާ އެހެން އެތައް މުވައްޒަފަކަށް މިމައްސަލަ ދިމާވެފައިވާކަން ކަށަވަރުކޮށްދީ އީއެންޓީ ޑޮކްޓަރުންގެ އެނިންމުމަށް ބާރު ލިބޭ ފަދަ ހެކިތަކެއް ދައްކާފައެވެ.

މިއީ ޓެސްޓު ނުކުރިއަސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަން ދެނެގަނެވޭނެ ގޮތެކެވެ. މިފަދަ ކަމެއް ދިމާވެފައިވޭތޯ ޗެކްކޮށްލައްވާށެވެ.