English Edition
Dhivehi Edition

ސިންގަޕޫރް (27 މާރޗް): ކޮވިޑް19 ވައިރަސް ފެތުރުން ހުއްޓުވުމަށް ސިންގަޕޫރުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިޖްތިމާއީ ގައިދުރުވުން ނުވަތަ ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކާއި ޚިލާފުވާ ފަރާތްތައް ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އެގައުމުގެ ސަރުކާރުން ދީފިއެވެ.

ސިންގަޕޫރުގެ ސިއްހަތާއި ބެހޭ ޒުވާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން އެގައުމުގައި ބޭރަށް ނިކުމެ އުޅޭއިރު އެހެން މީހުންނާއި ދޭތެރޭ 1 މީޓަރުގެ ދުރުމިން ބަހައްޓަން ޖެހޭނެއެވެ. އަދި އެގޮތަށް އެކަން ނުކުރާ ފަރާތްތައް ދިހަ ހާސް ސިންގަޕޫރް ޑޮލަރުގެ ޖޫރިމަނާއެއް ނުވަތަ 6 މަސް ދުވަހުގެ ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިންގަޕޫރު ސަރުކާރުގެ މި ނިންމުން ތަންފީޒް ކުރަން ފަށާނީ މިރޭ ދަންވަރު ފެށިގެންނެވެ. މީގެ އިތުރުން ވެސް ސިންގަޕޫރުގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ޒަރޫރީ ބޭނުމެއް ނެތި 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެގައުމުތައް ފުރަބަންދުކޮށް އިޖުތިމާއީ ގައިދުރުވުމަށް ބާރު އަޅަން ފަށާފައެވެ. އެހެން ނަމަވެސް އަދި ސިންގަޕޫރުން ނިންމާފައި މިވާ ފަދަ ހަރުކަށި ފިޔަވަޅެއް އަޅަން އެހެން ގައުމަކުން ނިންމާފައި ނުވެއެވެ.

ކޮވިޑް19 މުޅި ދުނިޔެއިން މިހާތަނަށް 532,263 މީހުންނަށް ޖެހިފައިވާއިރު ސިންގަޕޫރުން އެ ވައިރަސް ޖެހިފައިވަނީ 683 މީހުންނަށެވެ.

މަސްދަރު: ސީއެންއެން