English Edition
Dhivehi Edition
އެސްޑީއެފްސީ - ފޮޓޯ: މިހާރު

ކޮވިޑް-19 އާ ގުޅިގެން އަލަށް ފަށާ ވިޔަފާރިތަކާއި މަޝްރޫޢުތަކަށް އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯނުތައް މެދުކަނޑާލައިފި އެވެ.

އެސްޑީއެފްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން 26 މާރިޗު 2020 އިން ފެށިގެން އަލަށް ފަށާ ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކަށްލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން މެދުކަނޑާލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެސްޑީއެފްސީން ބުނީ އެ ކޯޕަރޭޝަނުން މިވަގުތަށް އިސްކަންދެނީ ކޮވިޑް-19 އާ ގުޅިގެން މިހާރު ހިންގަމުންގެންދާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށްވާތީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ބެލުމަށްފަހު އަލަށް ފަށާ ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކަށް ލޯނަށް އެދި ހުށަހެޅޭނެ ތާރީޚެއް ޢިއުލާން ކުރެވޭނެ ކަމަށެވެ.

އެ ކޯޕަރޭޝަނުން ދޫކުރާ ލޯނުތަކާއި ގުޅޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.

އެސްޑީއެފްސީ އަކީ މިސަރުކާރުގެ އެއް ވަޢުދު ކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

އެ ކުންފުނިން ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހަ ލޯނެއް ދޫކުރެއެވެ.