English Edition
Dhivehi Edition

އުމުރުން އެންމެ 24 އަހަރުގައި ފިލްމު ކުޅެން ފަށާފައިވާ އައިޝްވާރިޔާ ރާއީ ފިލްމީ ދާއިރަގައި މަސައްކަތްކުރާތަން 20 އަހަރު ފުރުން ފާހަގަކޮށްފިއެވެ. އައިޝްވަރިޔާ ބެލުންތެރިންނަށް ފެނިގެންދިޔަ ފުރަތަމަ ފިލްމަކީ މީގެ 20 އަހަރު ކުރިން 1997 ވަނަ އަހަރު ބޮބީޑިއޯލް އާއި އެކު ކުޅުނު ‘އޯރް ޕޔާރު ހޯގަޔާ’އެވެ.

ފިލްމީ ދާއިރާއަށް ތައާރަފުވުމުގެ ކުރިން އައިޝްވާރިޔާއަކީ މޮޑެލް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އައި ފަރާތެކެވެ. 1994 ވަނަ އަހަރު މިސް ވޯލްޑްގެ ޝަރަފުވެރި ތާޖު އަޅާފައިވާ އައިޝްވާރިޔާއަށް ފިލްމީ ދާއިރާއިން އެހާ އަވަހަށް ފުރުސަތު ލިބުނު ހަގީގީ ސަބަބަކީ އޭނާގެ ރީތިކަން ކަމުގައި އޭރުވެސް ގިނަ ބަޔަކުވަނީ ގަބޫލުކޮށްފައެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރަން ފެށި ދުވަސްވަރު ވަރަށް ގިނަ އުދަގޫތަކާ ކުރިމަތިވިކަމަށް އައިޝްވާރިޔާ ވަނީ ބުނެފައެވެ. “އަހަރެން އަމިއްލައަށް އަހަރެންގެ ދިރިއުޅުން ބިނާ ކުރީ.އެކަމުގެ ހެއްކެއް މިއަދު އަހަރެންނަށް އާދެވިފައި މިވާ ހިސާބަކީ”މީގެ ކުރިން ދިން އިންޓަވިއުއްގައި އައިޝްވާރިޔާ ބުނެފައިވެއެވެ. އައިޝްވާރިޔާ ފުރަތަމަ ކުޅުނު ފިލްމަށް ބެލުންތެރިންގެ ފަރާތުން އެހާ ބޮޑު ސަމާލުކަމެއް ލިބިފައި ނެތްނަމަވެސް އޭނާ ވަނީ 1999 ވަނަ އަހަރު ކުޅުނު ފިލްމު ‘ހަމް ދިލް ދޭ ޗުކޭ ސަނަމް’ އިން ބެލުންތެރިންގެ ހިތް އަތުލާފައެވެ. އަދި 1999 ވަނަ އަހަރު އޭނާއަށް އަށް ވަނީ، ފިލްމު ފެއަރ އެވޯޑްގައި އެންމެ މޮޅު ބަތަލާގެ މަގާމު ލިބިފައެވެ. 1991 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާއި ހަމައަށް ޖޯޝް، ހަމާރީ ދިލް އާޕްކީ ޕާސްހޭ ފަދަ މޮޅު ފިލްމުތައް އައިޝްވާރިޔާ ވަނީ ކުޅެފައެވެ. ބެލުންތެރިންގެ މެދުގައި އައިޝްވާރިޔާގެ އެންމެ މޮޅު އެއް ފިލްމުގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވާ ސަންޖޭ ލީލާ ބަންސާލީގެ، ‘ދޭވްދާސް’ އަކީ އޭނާގެ މުޅި ދިރިއުޅުމަށް ރަގަޅު ބަދަލުތަކެއް އައި ފިލްމެކެވެ.

އައިޝްވާރިޔާ އާއި ސަލްމާނުގެ ލޯބީގެ ގުޅުމަށް ނިމުމެއް ގެނެސް 20 އެޕްރީލް 2007 ވަނަ އަހަރު އޭނާ ވަނީ މަޝްހޫރު ބަތަލު އަމީތާބު ބައްޗަންގެ ދަރިފުޅު އަބީޝެކް އާއި ކައިވެނިކޮށްފައެވެ. ކައިވެންޏަށްފަހުވެސް ފިލްމީ މަސައްކަތްކުރަމުން ދިޔަ އައިޝްވާރިޔާގެ މަސައްކަތްތައް ކުޑަ ދުވަސްކޮޅަކަށް ހުއްޓާލަން ޖެހުނީ 16 ނޮވެމްބަރު 2011 ގައި ދަރިފުޅު އަރާދިޔާ އުފަންވުމާއި ގުޅިގެންނެވެ. އާއިލާއަށް ވަގުތު ދިނުމަށް ފިލްމީ މަސައްކަތާއި ދުރުގައި އުޅުމަށްފަހު ދެން އައިޝްވާރިޔާ ފެނިގެންދިޔައީ ސަންޖޭ ގުޕްތާގެ ‘ޖަޒްބާ’އިންނެވެ.

އައިޝްވާރިޔާ މިހާރުވެސް ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ އިރު އޭނާ ބުނެފައިވަނީ މި ދާއިރާގައި މިހާދުވަހު ފައި ސާބިތުކޮށްގެން ހުރެވެނީ ފިރިމީހާ އަބީޝެކް އާއި އާއިލާގެ އެހީތެރިކަމާއެކުގައިކަމަށެވެ.