ވައިގެ މަގުން ރާއްޖެއައި އިންޑިއާ ރައްޔިތެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ 2024 ޑިސެމްބަރ 13 ވަނަ ދުވަހު، އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ 31 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 235 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 100,000.00ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މި މައްސަލަ އިތުރަށް ތަހްގީގުކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފައެވެ.