English Edition
Dhivehi Edition

މިހާރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބަލިމަޑުކަމާއި ގުޅިގެން، މެދުކަނޑާލާފައިވާ ސްޕެނިޝް ލީގުގެ މެޗުތައް ފެށުން ވަކި މުއްދަތެއް ނެތި ފަސްކޮށްފި އެވެ.

އެގޮތުން، ލަލީގާ އާއި ސްޕެއިނުގެ ފުޓްބޯޅަ ފެޑަރޭޝަން (އާރުއެފްއީއެފް) ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ސަރުކާރުން ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދިއުމާއި މެދު ވަކި ގޮތެއް ކަނޑަޅަންދެން ސްޕެނިޝް ލީގުގެ މެޗުތައް ހުއްޓާލާފައި ވާކަމަށެވެ.

ކުރިން ބެލެވިފައި އޮތީ އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ލީގުގެ މެޗުތައް އަލުން ފެށޭނެކަމަށެވެ. އެހެންނަމަވެސް، މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ސްޕެއިނުގެ ހާލަތަށް ވެސް މިހާތަނަށް އައިއިރު ކުރިއެރުމެއް ލިބިފައެއްނުވެއެވެ. އަދި މި ބަލިމަޑުކަމުން އަރައިގަނެވޭނެ ވަކި ދުވަހެއް ކަނޑައެޅިގެން ބުނުމަކީ ދަތިކަމަކަށް ވެފައިވާއިރު، އެ ގައުމުގެ އެންމެހާ ރައްޔިތުންގެ ސިއްހަތާްއި ގުޅިފައިވާް ކަމަކަށްވާްތީވެ މިދަނޑިވަޅުގައި ނިންމޭނެ މިއީ އެންމެ ރަނގަޅު ނިންމުންކަމަަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާ އިން މިދިޔަ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ ހުރިހާ ދިމާލަކަށް ފެތުރިފައިވެއެވެ. އެގޮތުން، ޔޫރަޕުގެ ގައުމުތަކުގައި މި ވައިރަސް ބާރަށް ފެތުރެމުން އަންނައިރު، ސްޕެއިނުގައި ވެސް 33,000 އަށްވުރެ ގިނަ މީހުންގެ ގައިން ވަނީ މި ވައިރަސް ފެނިފައެވެ. އަދި މި ބަލީގެ ސަބަބުން އެ ގައުމުން ގާތްގަނޑަކަށް 2,182 މީހުން ވަނީ މަރުވެފައެވެ.

މީގެއިތުރުން، ސްޕެއިނުގައި ކުޅޭ ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް ގައިން ވެސް މި ވައިރަސް ފެނިފައިވާއިރު، ވެލެންސިއާ ސްކޮޑުގެ 35 ޕަސެންޓް ކުޅުންތެރިންނާ ވައިރަސް ޖެހިފައެވެ. އަދި ސްޕެއިނުގެ ޔޫތު ފުޓްބޯޅަ ކޯޗެއް ކަމަށްވާ އުމުރުން 21 އަހަރުގެ ފްރާންސިސްކޯ ގާސިއާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ރައީސް ލޮރެންޒޯ ސާންޒް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން މަރުވެފައެވެ.