English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން މި އަހަރުގެ ޖުލައި މަހު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޮލިމްޕިކް ގޭމްސް، ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފިއެވެ.

އައިއޯސީގެ ރައީސް ތޯމަސް ބެކް ބުނެފައިވާ ގޮތުގައި، ދުނިޔޭގެ ސިއްޙީ ހާލަތާ މެދުގައިއާއި އަދި އެކަމުން ގޭމްސް އަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރާނެ އެވެ. އަދި އެއަށް ބިނާކޮށް އޮލިމްޕިކްސް ބާއްވާނެ ތާރީޙެއް ކުރިއަށް އޮތް ހަތަރު ހަފުތާގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ބުނެފައިވެއެވެ.

މިހާތަނަށް ބެލެވިފައި އޮތީ ގޭމްސް ފަސްކުރުމުގެ ހިޔާލެއް ޖަޕާނުން ވެސް އަދި އައިއޯސީ އިން ނުގެންގުޅޭ ކަމަށެވެ. އެހެންނަމަވެސް، އެމެރިކާ އާއި އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ސަބަބުން ތަހައްމަލުކުރަންޖެހިފައިވާ ދަތި އުނދަގޫތަކާ ހުރެ އެ ދެ ގައުމުގެ ފަރާތުން ކުރި ޕްރެޝަރުގެ ސަބަބުން އައިއޯސީގެ ނިންމުން ބަދަލުކުރުމަށް މަޖުބޫރުވީ ކަމަށް ބެލެވެއެވެ.

ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮރޯނާވައިރަސް މިހާރު މުޅި ދުނިޔެ އަށް ފެތުރިފައިވާ ސިއްހީ ވަބާއަކަށް ވެފައިވާއިރު މި ވައިރަސް މިހާރު ބޮޑަށް ފެތުރެނީ ޔޫރަޕުގަ އެވެ. އެއާ ގުޅިގެން މިވަގުތު މެދުކަނޑާލާފައިވާ ޔޫރަޕުގެ ފުޓްބޯޅަ ލީގުތައް ކުރިއަށް ގެންދަން ވަގުތު ދިނުމުގެ ގޮތުން، ކުރިން އަންނަ ޖޫން/ޖުލައި މަހު ބާއްވާ ގޮތަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕާ އެމެރިކާ ވަނީ 2021 ވަނަ އަހަރަށް ފަސްކޮށްފައެވެ.

އެގޮތުން، އޮލިމްޕިކްސް ފަސްކުރުމަށް ވެސް ކުޅިވަރު ފެޑެރޭޝަންތަކުންނާއި އެތުލީޓުން ގޮވާލަމުން އައިނަމަވެސް މިހާތަނަށް އައިއިރު ފަސްކޮށްފައިނުވަނީ ކޮރޯނާވައިރަހާ ގުޅިގެން ޖަޕާނުގައި ކުރިން އޮތް ހާލަތު މިހާރު ރަނގަޅުވާން ފެށެމުން ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، ގިނަ ގައުމުތައް ލޮކްޑައުންކޮށް ދަތުރުފަތުރުތައް ހުއްޓާލާފައިވާތީވެ، އެތުލީޓުންގެ ތަމްރީންތަކަށް ހުރަސް އެޅިފައިވުމުން އޮލިމްޕިކްސް ލަސްކުރުމަށް މަޖުބޫރުވީ ކަމަށް ގަބޫލު ކުރެވެއެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު މިހާރު ފެތުރޭ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 މިހާތަނަށް 350,000 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ޖެހިފައިވާއިރު، 15 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީގައި މިހާތަނަށް ލައްކައެއްހާ މީހުން ރަނގަޅުވެފައިވާކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެެވެ.