English Edition
Dhivehi Edition

އެމެރިކާގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރެއް ކަމުގައިވާ ރޭންޑް ޕޯލް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ރޭންޑް ޕޯލް އަކީ ކެންޓަކީ ތަމްސީލް ކުރާ މެންބަރެވެ. ޕޯލް ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އޭނާއަކީ ޔޫއެސް ސެނެޓުން ވައިރަސްއަށް ޕޮޒިޓިވްވި ފުރަތަމަ މެމްބަރެވެ.

ޕޯލްގެ ތަރުޖަމާން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ޕޯލްގެ ހާލު ރަނގަޅު ކަމަށާއި މިހާރު އޭނާ ހުންނެވީ ކަރަންޓީނުގައި ކަމަށެވެ.

އޭގެ އިތުރުން، ޕޯލް ޓެސްޓުކޮށްފައިވަނީ އޭނާގެ ފަރާތުން ވައިރަސްގެ އަލާމާތެއް ފެނިގެން ނޫން ކަމަށާއި، އޭނާގެ ޓްރެވަލް ހިސްޓޮރީއަށް ބެލުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކަރަންޓީންގެ މުއްދަތު ފުރިހަމަކުރެއްވުމަށްފަހު، ޙާލު ރަނގަޅުވުމުން އެނބުރި މަޤާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ސެނެޓް މެންބަރަކަށް ވައިރަސް ޖެހުނު އިރު އެމެރިކާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓް ހައުސްގެ މުވައްޒަފަކަށް ވެސް މިހަފްތާގައި ވަނީ ބަލި ޖެހިފައެވެ.

އެމެރިކާގައި 14000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.