English Edition
Dhivehi Edition
ފުލުހުންގެ ލޯންޗެއްގައި އަލިފާން ރޯވެފައި - ފޮޓޯ: ޕޮލިސް

ލ. އަތޮޅު ގަމުގައި އޮތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި އަލިފާން ރޯކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ ލ. ގަން ތުނޑީ ބަނދަރުގައި އަޅާފައި އޮތް ޕޮލިސް ލޯންޗް 34ގައި ރޯވެފައިވާކަމުގެ މަޢުލޫމާތު ލިބިފައި ވަނީ މާރިޗު 22 ވަނަ ދުވަހުގެ 03:54 ހާއިރު ކަމަށާއި، އެ މަޢުލޫމާތު އެމްއެންޑީއެފާއި ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން އެ ޕޮލިސް ލޯންޗް ކައިރިއަށް ގޮސް ބެލިއިރު ލޯންޗްގެ ވާ އޮތީ ކަނޑާފައި ކަމަށާއި، އެކަމަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

އެ ހާދިސާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލާފައިވަނީ ފަތިހު 5:00 ހާއިރު ކަމަށާއި، އަލިފާން ރޯވުމުގެ ސަބަބުން ޕޮލިސް ލޯންޗް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.