English Edition
Dhivehi Edition

ކޮވިޑް19 ހުރިތޯ ބަލަން ކުރާ ޓެސްޓްތަކުގެ ނަތީޖާ މިހާރު އެންމެ 45 މިނިޓްގެ ތެރޭގައި ލިބޭނެ ފަދަ އާލާތެއް އެމެރިކާގައި ބޭނުންކުރަން އެގައުމުގެ ކަމާއިބެހޭ އިދާރާތަކުން ހުއްދަ ދީފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ކެލިފޯނިއާގެ ކުންފުންޏަކުން އުފެއްދި މި ޓެސްޓް ކިޓްތަކަށް އެޕްރޫވަލް ދީފައެވެ. ޓެސްޓް ކިޓް އުފެއްދި ސެފެއިޑް ކުންފުނިން ބުނެފައިވާ ގޮތުގައި އެ ކިޓްތައް ބޭނުންކުރާނީ މައިގަނޑު ގޮތެއްގައި ހޮސްޕިޓަލްތަކާއި އިމަޖެންސީ ފަރުވާދޭ ތަންތަނުގައި ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޓެސްޓް ކިޓްތައް ހޮސްޕިޓަލްތަކަށް ފޮނުވަން ފަށާނެ ކަމަށް ވެސް ސެފެއިޑް އިން ވަނީ ބުނެފައެވެ.

45 މިނިޓްގެ ތެރޭގަައި ކޮވިޑް19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު އެމެރިކާގައި ހަމަޖެހިގެން ދިޔައިރު އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފޯރުކޮށްދީފައިވާ ކިޓްތަކަށް އިތުބާރު ނުކުރެވޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

މިހާރު އާއްމު ގޮތެއްގައި ކޮވިޑް19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އެހީގައި ނަތީޖާ އަކާއި ހަމައަށް ވާސިލްވުމަށް އެއް ދުވަސްވަރު ނަގައެވެ.

އެމެރިކާގައި މިހާތަނަށް ގާތްގަނޑަކަށް ވިހި ހާސް މީހުންނަށް ވަނީ ކޮވިޑް19 ކޮރޯނާ ވައިރަސް ޖެހިފައެވެ. އެހެންވެ އެ ގައުމުގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން 60 މިލިއަން މީހުން ދިރިއުޅޭ ކެލިފޯނިއާގައި ވަނީ އެއްކޮށް ލޮކްޑައުން ކޮށްފައެވެ.