English Edition
Dhivehi Edition

ސްރީލަންކާގައި ހަލުވިކަމާ އެކު ކޮވިޑް19 ފެތުރެމުން އަންނާތީ އެގައުމުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް19 ރާއްޖޭގައި ފެތުރުން ނުދިނުމަށްޓަކައި މިއަދު ހެނދުނު 06:00އިން ފެށިގެން ސްރީ ލަންކާ އިން ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައިވާކަމަށެވެ. އަދި އޭގެ ތެރޭގައި ފާއިތުވި 14 ދުވަހުގެ ތެރޭގައި ލަންކާއަށް ދަތުރުކޮށްފައިވާ ފަރާތްތައް ވެސް ހިމެނޭކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ ލަންކާގައި ތިބި މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ކޮންމެ ދިވެއްސަކަށް ރާއްޖެ އައުމަށް ފުރުސަތު އޮންނާނެ ކަމަށާއި އެހެންނަމަވެސް ލަންކާ އިން އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރާނެ ކަމަށެވެ.

ލަންކާ އިން މި ބަލި ޖެހުނު މީހުންގެ އަދަދު 73 އަށް އަރާފައިވާއިރު މި ބަލީގައި އަދި އެ ގައުމުން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއިން މިހާރުވަނީ ބަލި ކޮންޓްރޯލްކޮށްފައެވެ. މި ގޮތުން ފާއިތުވެ ދިޔަ ދެ ދުވަހުވެސް ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.