ރާއްޖޭގައި ކޮވިޑް-19 ބައްޔަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެ މީހުން އެ ބަލިން ފަސޭހަވެފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.
އެ ދެ މީހުންނަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހުންނެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެއީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ދެމަފިރިން ކަމަށާއި އޭގެ ތެރޭގައި އެންމެ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދިން މީހާ ވެސް ހިމެނޭ ކަމަށެވެ.
އަމީން ވިދާޅުވީ އެ ދެ މީހުންގެ ޓެސްޓްތަކުން މިހާރު ދައްކަނީ ނެގެޓިވްކޮށްކަމަށާއި އެކަމަކު އެ މީހުން މުޅިން ދޫކޮށްލާނީ އަދި އެއްފަހަރު ޓެސްޓްތައް ހެދުމަށްފަހުގައި ކަމަށެވެ.
ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މޫސަ ވިދާޅުވީ ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ބަލާއިރު އެއީ ސިވިއާ ނިއުމޯނިޔާއެއް ކަމަށާއި 70 އަހަރުން މަތީގެ މީހާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކުޑަކޮށްވެސް އެމީހާގެ ހާލަތު ރަނގަޅުވީ އެޑްމިޓްކުރިތާ ފަސްވަނަ ދުވަހު ގައި ކަމަށެވެ.
“އިއްޔެ ޓެސްޓް ހެދިން ނެގެޓިވް. މިއަދު ވެސް ނެގެޓިވް. އެހެންވީމަ، ދެ ފަަހަރަށް ވެސް މިހާރު ނެގެޓިވް. އަޅުގަނޑުމެން މި ގަސްތުކުރަނީ މާދަމާ އޭނާ ޑިސްޗާޖް ކުރަން. އެކަމަކު އޭނާ އަދި ދެ ހަފުތާ އަށް ދާނެ އައިސޮލޭޝަނަށް.” މޫސަ ވިދާޅުވިއެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވަނީ ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ.