ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ތިން މަސް ދުުވަހަށް ބަންދުކުރަން ނިންމާފައިވާ ޔުނިިވާސަލް އެންޓަޕްރައިސަސްގެ މުވައްޒިފުންގެ މުސާރައަށް ގެންނަ ބަދަލުތައް އަންގައިފި އެވެ.
މިވަގުތު ދުނިޔޭގެ ދަތުރުފަތުރު ހުއްޓިފައިވާތީ ކުރިއަށް އޮތް މަސްތަކަށް އެއްވެސް ބުކިންއެއް ނެތުމުން އޭޕްރީލް މަހުން ފެށިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓެއްގެ ހިންގުން ތިން މަސްދުވަހަށް ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރަތައް 380 އަށް ވުރެ ދަށްނުވާނެ ގޮތަށް ވަނީ ކުޑަކޮށްފައެވެ. ހަމަ އެއާއެކު މުވައްޒިފުންނަށް ހާއްސަ ޕެކޭޖަކާއެކު މުސާރަ ލިބޭގޮތަށް ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެކުންފުނިން އިއްޔެ ވަނީ ބުނެފައެވެ.
ޔުނިވާސަލްގެ ރިސޯޓްތައް ބަންދުކުރަން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.
ޔުނިވާސަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުގެ އެކަކުން ފެށިގެން އެ ކުންފުނީގެ ރިސޯޓުތައް ބަންދުކުރަން ނިންމި ނަމަވެސް ހުރިހާ މުވައްޒަފުންނަށް މިމަހުގެ މުސާރަ އެއްވެސް އުނިކުރުމެއްނެތި ލިބޭނެ ކަމަށެވެ. އަދި ހުރިހާ މުސްލިމް މުވައްޒަފުންނަށް އަންނަ އޭޕްރީލް މަހުގެ މުސާރައާ އެކު ރޯދަ އިނާޔަތް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޔުނިވާސަލް އެންޓަޕްރައިސަސްއިން މިއަދު ބުނީ ދުނިޔެއަށް ދިމާވަމުންދާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ދިވެހި އެއް ކުންފުންޏަށް އެ ކުންފުނިވާނެ ކަމަށާ ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިނުކޮށް އަދި ކުންފުނީގެ ހިންގުންވެސް މުޅިން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކަމަށެވެ. -ޔުނިވާސަލް އެންޓަޕްރައިސަސްގައި 3200 ވުރެ މުވައްޒިފުން މަސައްކަތް ކުރެއެވެ.