English Edition
Dhivehi Edition

އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހިންނާއި އެޤައުމަށް ދަތުރު ކުރާ ދިވެހިންއެޤައުމުގެ ގަވާޢިދުތަކާއި ޤާނޫނަށް އަންނަ ބަދަލުތަކަށް ކިޔަމަންވެ ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އެ ޤައުމުގެ ރައްޔިތުން ފިޔަވައި، އެހެން ފަރާތްތަކުން އެ ޤައުމަށް އެތެރެވުން 20 މާރިޗު 2020 (އޮސްޓްރޭލިއާ އީސްޓަން ސްޓެންޑަޑް ޓައިމްއިން ރޭގަނޑު 9 ން ފެށިގެން) މަނާކޮށްފައެވެ. އޮސްޓްރޭލިއާގެ ރައްޔިތުންނާއި، ދާއިމީ ރައްވެހިންނާއި، އެމީހުންގެ ގާތް އާއިލީ ބޭފުޅުން (ފުރަތަމަ ދަރަޖައިގެ އާއިލީ ގުޅުން އޮންނަ ބޭފުޅުން) އޮސްޓްރޭލިއާއަށް އެތެރެވުމަށްފަހު، 14 ދުވަހު ގޭގައި ހޯމް އައިސޮލޭޝަންގައި ތިބެން ޖެހޭނެކަމަށްވެސް އިއުލާނުކޮށްފައިވެއެވެ.

ވީމާ، މި ދުވަސްތަކުގެ ތެރޭގައި އޮސްޓްރޭލިއާގައި ދިރިއުޅޭ އަދި އޮސްޓްރޭލިއާއަށް ދަތުރުކުރުމަށް ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވެ ތިބުމާއެކު މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި އެދިފައިވެއެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި އަދި އޮސްޓްރޭލިއާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން، އޮސްޓްރޭލިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދިފައިވެއެވެ.
ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.