English Edition
Dhivehi Edition

ކޮވިޑް-19 ކޮރޯނާ ވައިރަހަށް އެ ނަން ކިޔުމުގެ ބަދަލުގައި އެއީ ‘ޗައިނީޒް ވައިރަސް” ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަން ފައްޓަވައިފިއެވެ. ޓްރަމްޕް މިގޮތަށް ވާހަކަ ދައްކަވަން ފެއްޓެވި ފަހުން ކޮވިޑް-19ގެ ބަދަލުގައި އެ ވައިރަހުގެ ނަމަކަށް ވިދާޅުވަނީ “ޗައިނީޒް ވައިރަސް” އެވެ.

ކޮވިޑް-19 އަށް ޗައިނީޒް ވައިރަސްގެ ނަން ޓްރަމްޕް ދެއްވާފައި މިވަނީ ޗައިނާގެ އޮފިޝަލަކު ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ އެމެރިކާއިން ކަމަށާއި އަދި ޗައިނާއަށް އެ ވައިރަސް ގެންދިޔައީ އެމެރިކާއިން ކަމަށް ބުނެފައި ވަނިކޮށެވެ.

ޗައިނީޒް ވައިރަހުގެ ނަން ކޮވިޑް-19 އަށް ދެއްވައި ޓްރަމްޕް އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު ކުރެއްވި ޓްވީޓެއްގައި “ޗައިނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއާލައިންތައް ފަދަ ސިނާއަތްތަކަށް އެމެރިކާއިން ވަރުގަދައަށް ސަޕޯޓުކުރާނެ،” އޭނާ ވަނީ ވިދާޅުވިއެވެ.

އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ޓްރަމްޕަށް އަމާޒުވިއެވެ. އެގޮތުން ގިނަ ބަޔަކު ސިފަކުރި ގޮތުގައި ޓްރަމްޕްގެ އަމަލަކީ ނަސްލީގޮތުން ޗައިނާގެ މީހުންނަށް ކުރި މަލާމާތެއް ކަމަށެވެ.

އަދި އޭގެ ސަބަބުން އެމެރިކާގެ އިތުރުން ޗައިނާއިން ބޭރުގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ ރައްޔިތުންނާއި މެދު ނަފުރަތު އުފެދި، އެމީހުން އިތުރު ނުރައްކަލަކަށް ހުށަހެޅޭނެ ކަމުގެ ނުރައްކާ އޮތްކަން ވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ޗައިނާގެ ސަރުކާރުގެ ނޫހެއް ކަމަށްވާ ޒިންހުއާއިން ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެމުން ބުނެފައިވަނީ ކޮވިޑް-19 ބަލިމަޑުކަން އެހެން ގައުމުތަކުގެ ބޮލުގައި އަޅުވައި ސިޔާސީ ލީޑަރުން އެމީހުންގެ ނާގާބިލުކަން ފޮރުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް މއިަދު ކުރެއްވި ޓްވީޓެއްގައި ވެސް ޓްރަމްޕް ކޮވިޑް-19 އަށް ދެއްވީ ޗައިނީޒް ވައިރަހުގެ ނަމެެވެ. އަދި ވާހަކަފުޅު ދައްކަވަނީ ވެސް ކޮވިޑް-19 އަށް “ޗައިނީޒް ވައިރަހުގެ” ނަން ބޭނުންކުރައްވައިގެންނެވެ.

ޓްރަމްޕް މިފަދައިން ވާހަކަ ދައްކަވަން ފެއްޓެވިއިރު އެމެރިކާގައި ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. އެކަމުގެ ޒިންމާ ވެސް ނަގަން ޖެހޭނީ ޗައިނާއިން ކަމަށް ދޭހަވާ މޭރުމަކުން ޓްރަަމްޕްގެ އިތުރުން އެމެރިކާ ސަރުކާރު އިސް އޮފިޝަލުން ވަނީ ވާހަކަ ދައްކަވާފައެވެ.

ޓްރަމްޕްގެ ބަސްމަގު ހުރިގޮތުން ޗައިނާ އާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް ޗައިނާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ ވެސް އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ގިނަ އަދަދެއްގެ މާސްކް އޭނާ ވަނީ އެމެރިކާއަށް ހަދިޔާކޮށްފައެެވެ.

1 ކޮމެންޓް
ނަހީ
މާޗް 18, 2020
މޮޔަގެރި!! ދުނިޔެއިން މޮޔަވެފަ ހުރި މީހެއް. ﷲގެ ކުޅަދުންވަންތަކަން މީނާއަށް އިހްސާސް ނުވާނެ ދުވަހަކުވެސް. މީނަޔާ ޖެހުނީމަ އިހްސާސްވާނެ މިއީ ކިހާވަރެއްގެ ކަމެއްކަން.