ކޮވިޑް- 19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދު ހީނަރު ވިޔަސް ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ މުސާރައިން ބައެއް އުނި ނުކުރާނެ ކަމަށް ސިމްޑީ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން އިބްރާހިމް މުޙައްމަދު ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.
މިއަދު ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައި ޑީޑީ ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދު ހީނަރުވެ މުވައްޒަފުންގެ މުސާރަ ދިނުމުން ކުންފުނީގެ ވިޔަފާރި ދަމަހައްޓަން ދަތިވެއްޖެ ހާލަތެއްގައި އަމިއްލަ އަށް ރައްކާކުރައްވަވާފައިވާ ފައިސާއިން ވިޔަސް މުވައްޒަފުންގެ މުސާރަ ހަމައަށް ދެއްވަވާނެ ކަމަށެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ، ސިމްޑީގައި ހާހަކަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ އިރު، ޑީޑީ ވަނީ އެކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވަވާ ސަރުކާރުން ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރަމުން ދާއިރު އެ ފިޔަވަޅު މަތިން ބައިވަރު ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ ކުޑަކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
“މި ވަގުތުގައި ވެސް އާއްމު އުސޫލުގެ ތެރެއިން ކުންފުނީގެ މަސައްކަތްތައް ހިންގައި ބަރާބަރަށް މުސާރަ ދިނުމަށް، ސިމްޑީ ގްރޫޕުގެ ދަށުން ހިންގާ ވިޔަފާރިތަކުގެ މެނޭޖްމަންޓަށް ވާނީ އަންގާފައި” ޑީޑީ ވިދާޅުވެފައިވެއެވެ.
ޑީޑީގެ މި ޕޯސްޓާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުން ވަނީ ޑީޑީއަށް ޝުކުރު އަދާކޮށް ގިނަ އުފާފާޅުކޮށްފައެވެ.
ސިމްޑީގެ ކުންފުނީގެ ދަށުން މައިގަނޑު ހަތަރު ވިޔަފާރިއެއް ކުރެ އެވެ. އެއީ ރިސޯޓު ސަޕްލައި އާއި ކޮންސީމާ ޕްރޮޑަކްޓާއި ބޮންޑެޑް ވެއާ ހައުސް އަދި އައްޑޫގައި ހުންނަ އައިއެމްޑީސީ ހޮސްޕިޓަލް ހިންގުމެވެ.