English Edition
Dhivehi Edition

އައްޑޫއިން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތަކެއް ހުރި ކުއްޖާގެ މައުލޫމާތު ހާމަކުރި މައްސަލަ ބަލަމުންދާ ކަމަށް ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ އެއްވެސް ފަރާތެއްގެ ސިއްހީ ޒާތީ މައުލޫމާތެއް ހާމަކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. ސިއްރު ހާމަކުރި މައްސަލައަކީ ސީރިއަސް މައްސަލައެއްކަން ފާހަގކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ ސިއްހީ ޚިދުމަތް ދިނުމާއި ބެހޭ ގާނޫނު، ގާނޫނު ނަމްބަރު 29/2015 މި ގާނޫނުގެ 40 ވަނަ މާއްދާގައި ވެސް ސިއްރު ހިފެހެއްޓުމުގެ ބައި ވަރަށް ބޮޑަށް އައިސްފައިވާކަމަށެވެ. ” މީގައި މި އޮންނަނީ ސިއްހީ ޚިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ ހާލަތާއި އޭނައަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާ އާއި އެ ނޫން ވެސް އޭނާ ލިބިގަތް ސިއްހީ ޚިދުމަތާއި ގުޅުން ހުރި އެންމެހާ މައުލޫމާތަކީ ސިއްރު އަދި އިމްތިޔާޒް ލިބިފައިވާ މައުލޫމާތެއްކަމަށް”ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ ސިއްރު ހާމަކުރާ މީހައަށް ކިތަންމެ ބޮޑު އަދަބެއް ދެވުނު ކަމުގައިވިޔަސް ބަލި މީހާގެ މައުލޫމާތު ހާމަވީކަމަށާއި އެއީ އަބުރާ ބަދަލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެއްވެސްމީހެއްގެ އެފަދަ ޒާތީ މައުލޫމާތު ހިމެނޭ އެއްވެސް ލިޔުމެއް ލިބުނު ކަމުގައި ވިޔަސް އޭތި އިތުރަށް ޝެއާ ނުކުރުމަށް ޑރ.ނަޒްލާވަނީ އިލްތިމާޒުކުރައްވާފައެވެ.

އައްޑޫ ސިޓީ ހިތަދޫ ގެއަކުން ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި މީހަކު ފެނުމާ ގުޅިގެން އެ ގެ “ކަރަންޓީން”ކުރަން ޑައިރެކްޓަ އޮފް ޕަބްލިކް ހެލްތް އަންގާފައިވާ ލިޔުން ލިބެންވާ ފަރާތަށް ނުލިބެނީސް އެ ލިޔުން ސޯޝަލް މީޑިއާގައި ލީކުވުމާއި ގުޅިގެން ގިނަ ބަޔަކުވަނީ އެކަމަށް ފާޑުކިޔާފައެވެ. މިކަމަާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާނެކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު އަދި މިހާތަނަށް މިލިޔުން ލީކުވެފައިވަނީ ކޮން މުއައްސަސާއެއްގެ އިހުމާލުންކަން އެގިފައެއް ނުވެއެވެ.

 

1 ކޮމެންޓް
ކިޔުންތެރިޔާ
މާޗް 19, 2020
ނުބަލާ ދޫކޮށްލުން ހެޔޮނުވާނެ ތި މައްސަލަ. ރާއްޖޭގައި ބަޔަކު އަލަތު ކައިވެނީގެ ފުރަތަމަ ރޭވެސް އޮންނަނީ ސޯޝަލް މީޑީޔާގައި އާންމުވެފައި އެ މީހުން ފަހުދުވަދު ހެނދުނު ހޭލާއިރު. ކައުންސިލްތަކުގައި ތިބޭ މުވައްޒަފުންވެސް އެތަނުގެ ކަރާމާތް ގެއްލޭފަދަގޮތަކަށް އާންމު ކުރަން ނުޖެހޭ މައުލޫމާތު އާންމު ކުރޭ. މިފަދަ މައްސަލަ ބަލާ ޤާނޫނުގައި އޮންނަ އަދަބު ދިނުމަކީ މުހިންމު ކަމަެއް