English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

އައްޑޫ ސިޓީ މީދޫ ޔާގޫތުގޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި މިވަނީ އެގޭގެ ފެންޑާގައި ބަހައްޓާފައި ހުރި ދެ ސައިކަލްގައި ރޯކޮށްލުމުން އެގެއަށް ލިބިފައިވާ ގެއްލުތަކުގެ ސަބަބުންނެވެ.

މި އޮކްޓޯބަރ މަހުގެ 8 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އެރޭ 11:30 ހާއިރުއެވެ. އަދި، އެ މައުލޫމާތު ލިބުމާ އެކު ސިފައިންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، އެ ގެއަށް ވަނީ އެކިވަރުގެ ގެއްލުތައް ވެފައެވެ.

އެގެއަށް ލިބިފައުވާ ގެއްލުންތަކަށް ބަލާއިރު، އެ ގޭގެ ފެންޑާގެ ސީލިންގ އާއި ސިޓިންގ ރޫމްގެ ސީލިންގ އެއްކޮށް ހަލާކުވެ، ބައެއް ދޮރުތަކާއި އެހެނިހެން ބައެއް ތަކެތީގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި، ގޭގެ އެއް ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

މީގެ އިތުރުން އެ ހާދިސާގެ ސަބަބުން އެ ގެއިން އަސާސީ ހުރިހާ ހިދުމަތެއް ކެނޑިފައިވާ ކަމަށް އެ ރަށު ކައުންސިލާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ.