ނުރައްކާތެރި ކޮވިޑް19 ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ 37 މީހަކު އަފްޣާނިސްތާނުގެ ހޮސްޕިޓަލަކުން ފިލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި 37 މީހުންނަކީ ކޮވިޑް19ގެ އަލާމާތްތައް ހުރެގެން އެ ހޮސްޕިޓަލުގައި ކަރަންޓީން ކޮށްފައި ތިބި ބައެކެވެ. އެމީހުން ހޯދުމުގެ މަސައްކަތް އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ ކުރަމުންނެވެ.
އަފްޣާނިސްތާނުގެ ސިއްހީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ ގައުމުގެ ހުޅަނގު ހެރާތް ޕްރޮވިންސްގެ ހޮޮސްޕިޓަލަކުން ފިލާފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި ކޮވިޑަށް ޝައްކުކުރެވޭ 37 މީހުން ހޮސްޕިޓަލުން ފިލާފައި ވަނީ އެމީހުންގެ ރަހްމަތްތެރިންނާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ އެހީތެރިކަން ލިބިގެން ކަމަށެވެ.
އަފްޣާނިސްތާނުން މިއަދު ވެސް ވަނީ ކޮވިޑް19 އަށް 5 މީހަކު ޕޮޒިޓިވް ވެފައެވެ. އެއާއި އެކު އެގައުމުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 22 އަށް އަރާފައެވެ.
ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެފައިވާ އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެގައުމުގެ ސިއްހީ ވުޒާރާއަށް 25 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކޮވިޑް19 ކޮންޓްރޯލްކުރުމަކީ އަފްޣާނިސްތާނަށް އުނދަގޫ ކަމަށް ވާނެއެވެ.
އަފްޣާނިސްތާނަށް ކޮވިޑް19 އެތެރެވީ އިރާނުން ކަމަށް ތަޖުރިބާކާރުން ތުހުމަތުކުރެއެވެ. މިކަން މިހެން އޮތް ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިރާނުގައި ތިބި އަފްޣާނިސްތާނުގެ 15000 އެއްހާ ރެފިއުޖީން އެނބުރި އަފްޣާނިސްތާނަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ.
މިއީ އޭޝިޔާގެ ގައުމެއްގައި ކޮވިޑް 19 އަށް ޝައްކުކުރެވޭ ބަޔަކު ފިލުމުގެ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ކޮވިޑް19 އަށް ޝައްކުކުރެވޭ މީހަކު ވެސް ވަނީ މީގެ ކުރިން އިންޑިޔާގެ ހޮސްޕިޓަލަކުން ވެސް ފިލާފައެވެ. އޭނާ ހޯދުމުގެ މަސައްކަތް އިންޑިޔާގެ ސަރުކާރުން ދަނީ ކުރަމުންނެވެ.