English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ޝަކުވާ ބަލައިގަތުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ޝަކުވާ މިއަދުން ފެށިގެން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލްގެ ޒަރީޢާއިން ކަމުގައެވެ.

އެގޮތުން އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ އެ ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އީސީން އެގޮތަށް ނިންމާފައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޯވިޑް-19) ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ވެފައިވާތީ، އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، 2020 މާރިޗު 12 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ ގުޅިގެންނެވެ.

ރާއްޖެއިންވެސް މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 13 މީހަކު ފެނިފައިވާއިރު، ދިވެހި ސަރުކާރުން އަންނަނީ ބަލި ފެތުރިޔަ ނުދިނުމަށާއި ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ސަރުކާރު ބަންދުކޮށްފައިވާއިރު، ދައުލަތުން އެކި ކަންކަމަށް ކުރާ ޚަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރަން ވެސް މިއަދު ކެބިނެޓުން ވަނީ ނިންމާފައެވެ.