English Edition
Dhivehi Edition

ސްރީލަންކާއަށް އަންނަ ފްލައިޓުތައް ކެންސަލްކޮށް، އެ ގައުމުގެ މައި އެއާޕޯޓު ބަންޑާރަނައިކެ އިންޓެނޭޝަނަލް އެއާޕޯޓް (ބީއައިއޭ) ބަންދުކޮށްފި އެވެ.

ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްސަ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް އެ ގައުމުގެ މައި އެއާޕޯޓް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އުމަކުން އަންނަ މީހަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވެސް ލަންކާ އިން ވަނީ މެދުކަނޑާލަފައިވާއިރު މި ވަގުތު ގައުމުން ބޭރުގައި ތިބި ރައްޔިތުންވެސް އެނބުރި ލަންކާއަށް އައުން މަޑުޖައްސާލުމަށް އެ ގައުމުގެ ސަރުކާރުންވަނި އިލްތިމާޒުކޮށްފައެވެ.

ލަންކާގައި ކޮވިޑް-19 ފެތުރޭ ދަރަޖަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން މަތިކޮށްފައިވާިއރު އިއްޔެ އެކަނިވެސް ލަންކާ އިން އިތުރު 10 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެ ގައުމުގައި މިހާރު ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 29 އަށް އަރާފައިވާއިރު ސަރުކާރުން އަންނަނީ ބަލި ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް، އަސާސީ ހިދުމަތްތައްދޭ ތަންތަން ފިޔަވައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފައިވާއިރު ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، މިއުޒިއަމްތައްވެސް ވަނީ ބަންދުކޮށްފައެވެ.