English Edition
Dhivehi Edition

ސްރީލަންކާއަށް އިގްތިސޯދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު އެ ގައުމުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ހަމަނުޖެހުން އުފައްދަން ފެށުމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ރައީސް ގޯޓާބޭ ރާޖަޕަކްސާ ގެކޮޅުގެ ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ މުޒާހަރާކުރަން ފެށުމާ ގުޅިގެން، އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ބުރާސްފަތިދުވަހުގެ ރޭ ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި ހުކުރު ދުވަހު ހެނދުނު ކާފިއު އުވާލުމަށް ފަހު ރޭ އަނެއްކާވެސް ކާފިއު ހިންގަން ފަށާފައިވާއިރު އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އަސާސީ ޚިދުމަތްތަކަށް ބުރުލެއް ނާރަ ފޯރުކޮށްދިނުމަށް ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ.

ސްރީލަންކާގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިގެންދާނީ ކޮން މުއްދަތަކަށް ކަން އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައިނުވާއިރު، ކުއްލި ހާލަތު އިއުލާންކުރުމާ ގުޅިގެން، ހަމަނުޖެހުން ހިންގަން އުޅޭކަމަށް ތުހުމަތު ކުރެވޭ މީހުން ހިފައި ހައްޔަރުކޮށް، ދިގު މުއްދަތެއްގައި ބޭތިއްބުމުގެ ބާރު ސަލާމަތީ ބާރުތަކަށް ލިބިގެންވެ އެވެ.