އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މާސްޓަރޝެފް މޯލްޑިވްސް ފެށުމަށް ހަމަޖެހިފައިވާއިރު، އޭގެ ކުރިން ޝޯގެ ފުރަތަމަ ސީޒަންގެ އޮޑިޝަންތައް ފަށައި، ޝޯ އިންސާފުކުރާނެ ފަނޑިޔާރުންވެސް އިއުލާންކުރާނެ އެވެ.
މާސްޓަރޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަންގެ ޖަޖުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަޤާމުގެ ޒިންމާއާއި މަސްއޫލިޔަތުގެ އިތުރުން އެހެނިހެން މަޢުލޫމާތު އެ ކުންފުނީގެ ވެބްސައިޓް www.psm.mv ގެ ޑައުންލޯޑްސް އިން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މާސްޓަރޝެފް މޯލްޑިވްސް ސީޒަން 01 ގެ ޖަޖަކަށް ވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭނީ ޕީއެސްއެމްގެ ހެޑް އޮފީސް ރޭޑިޔޯ ބިލްޑިންގްގެ ރިސެޕްޝަނަށެވެ. އަދި އީމެއިލްގެ ޒަރިއްޔާއިންނަމަ މެއިލްކުރަންޖެހޭނީ [email protected] އަށެވެ.
ޕީއެސްއެމް އިން ބުނީ ސިޓީ ހުށަހެޅުމުގެ ސުންގަޑިއަކީ 16 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 ކަމަށާއި، އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު 3000428/3000207 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލްކޮށްގެން ލިބޭނެ ކަމަށެވެ.
ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު ފްރެންޗައިޒް ކަމަށްވާ “މާސްޓަރޝެފް”، ޕީއެސްއެމް އިން ރާއްޖެއަށް ތަޢާރަފްކުރީ 18 ޖަނަވަރީ 2020 ވަނަ ދުވަހުގެ ރޭ އެވެ.
މާސްޓަރޝެފް މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ދިރާގު ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ވިލާ ކޮލެޖުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ވެސް ވަނީ މާސްޓަރޝެފް މޯލްޑިވްސްގެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސައިފަ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މާސްޓަރޝެފް މޯލްޑިވްސް ފެށުމަށް ހަމަޖެހިފައިވާއިރު، އޭގެ ކުރިން ޝޯގެ ފުރަތަމަ ސީޒަންގެ އޮޑިޝަންތައް ފަށައި، ޝޯ އިންސާފުކުރާނެ ފަނޑިޔާރުންވެސް އިއުލާންކުރާނެ އެވެ.