މައިކްރޯސޮފްޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހުރިހާ ސްޓޯރުތައް ބަންދުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ. މައިކްރޯސޮފްޓުން ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމާފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ސްޓޯރުތައް ބަންދުކުރުމަށް މައިކްރޯސޮފްޓުން ނިންމިއިރު އެ ކުންފުނިން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭ ގޮތް މީގެ ކުރިން ހަމަޖައްސާފައެވެ. އެހެން ނަމަވެސް މީގެކުރިން އެ ކުންފުނިން އަމަލުކުރަމުން އައީ މައިކްރޮސޮފްޓްގެ އޮފީހެއް، ވައިރަސް ފެތުރޭ އަވަށެއްގައި ހުރި ނަމަ، އެ އޮފީހެއްގެ މުވައްޒަފުންނަށް ލުއިދީ، ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
For the safety of our customers and employees, we are closing all global Microsoft Store locations, effective immediately. For help, please visit https://t.co/tzwDaQSY0k. pic.twitter.com/KjMr8TQh3y
— Microsoft Store (@MicrosoftStore) March 17, 2020
މިއަދު މައިކްރޯސޮފްޓުން ނެރުނު ބަޔާނުގައިވާ ގޮތުން މިއަދުން ފެށިގެން ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ގާއިމްކޮށްފައިވާ އެ ކުންފުނީގެ ސްޓޯރުތައް ބަންދުވާނެއެވެ. ސްޓޯރުތައް ބަންދުވީ ނަމަވެސް އޮންލައިންކޮށް ސްޓޯރުގެ ޚިދުމަތް ލިބޭނެ ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.
މައިކްރޯސޮފްޓުން ސްޓޯރުތައް ބަންދުކުރަން ނިންމާފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންނަށް އަޅާލުމުގައި މައިކްރޮސޮފްޓުން ފަސްޖެހިފައިވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް އެކުންފުންޏަށް އަމާޒުވިފަހުންނެވެ. މައިކްރޯސޮފްޓުން ވަނީ އެ ފާޑުކިޔުންތައް ބަލައިގަނެ މުހިންމު ބައެއް ހަފުލާތައް ވެސް ކެންސަލްކޮށްފައެވެ.