ސިންގަޕޫރުގައި އިންސާނާގެ ސިކުނޑީގެ ދިރޭ ސެލްތައް ބޭނުންކޮށްގެން ދުނިޔޭގެ ފުރަތަމަ ބަޔޮލޮޖިކަލް ކޮމްޕިއުޓަ ސާވާ އުފައްދައި ބޭނުންކުރަން ފަށައިފި އެވެ. “ކޯޓިކަލް ލެބްސް” އާއި “ޑޭވަން” އަދި “އެންޔޫއެސް މެޑިސިން” ގުޅިގެން އުފެއްދި މި އާދަޔާހިލާފު ސާވާ ބޭނުންކުރަން ފަށާފައި ވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ.
މި ސާވާ ރެކްގައި ޖުމްލަ 20 ޔުނިޓު ހިމެނޭއިރު، ކޮންމެ ޔުނިޓެއްގައި ލެބޯޓަރީގައި އުފައްދާފައިވާ އިންސާނާގެ 2 ލައްކަ ނިއުރޯން ނުވަތަ ސިކުނޑީގެ ސެލް ހުރެ އެވެ. މައުލޫމާތު ޕްރޮސެސް ކުރުމަށްޓަކައި މި ސެލްތައް ގުޅާފައި ވަނީ ހާއްސަ ޗިޕްތަކަކާ އެވެ. މީގެ ސަބަބުން މި ސެލްތަކަށް ސިގްނަލް ލިބި، އެއާ އެއްގޮތަށް ބަދަލުތައް ގެނެސް މައުލޫމާތު ދެނެގަތުމުގެ ގާބިލުކަން ލިބިގެންދެ އެވެ.
އާންމު ކޮމްޕިއުޓަރުތަކާ ހިލާފަށް މިއީ ދިރޭ އެއްޗަކަށް ވުމުން، މިއަށް ހާއްސަ ފަރުވާއެއް ބޭނުންވެ އެވެ. އެގޮތުން، މި ސެލްތައް ދިރިހެރޭނެ ގޮތް ހެދުމަށްޓަކައި ޓެކްނީޝަނުން އަންނަނީ މިއަށް ބޭނުންވާ ކާނާއާއި ގޭސް ކޮންޓްރޯލް ކުރެވިފައިވާ މާހައުލެއްގައި ގަވާއިދުން ފޯރުކޮށްދެމުންނެވެ.
ކޯޓިކަލް ލެބްސް އިން ބުނީ އާންމު ކޮމްޕިއުޓަރުތަކާ އަޅާބަލާއިރު މިއަށް ބޭނުންވާ ކަރަންޓުގެ ނިސްބަތް ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ. އަދި އޮޅުވާލައިގެން ހިންގާ ޖަރީމާތައް ދެނެގަތުމާއި، ސައިބަ ސެކިއުރިޓީއާއި، އާ ބޭސްތައް ހޯދުމުގެ އިތުރުން ރޮބޮޓިކްސް ފަދަ އުނދަގޫ އަދި ލަފާކުރަން ދަތި މައްސަލަތައް ހައްލުކުރުމަށް މި ޓެކްނޮލޮޖީ ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި އީޖާދަކީ ދުނިޔޭގައި ވެސް އަމިއްލައަށް މަސައްކަތްކުރާ ގޮތަށް އުފެއްދި ފުރަތަމަ “ބަޔޮލޮޖިކަލީ އިންޓަގްރޭޓެޑް” ސާވާ ރެކް ކަމަށް ވިޔަސް، މިއީ އަދި ވިޔަފާރި އުސޫލުން ބޭނުންކުރަން އުފައްދާފައިވާ ޑޭޓާ ސެންޓަރެއް ނޫނެވެ. މިއީ އަދި މި ދާއިރާގެ އިތުރު ހޯދުންތައް ހޯދުމަށް އުފައްދާފައިވާ ތަޖުރިބާކުރުމުގެ މޮޑެލް އެކެވެ.