English Edition
Dhivehi Edition

ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ ސަރުކާރުގެ ގިނަ އަދަދެއްގެ އޮފިޝަލުން ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންގެ އިތުރުން އަސްކަރިއްޔާގެ ފަރާތްތައް ވެސް ހިމެނެއެވެ.

އިއްޔެ ސައުދީ އަރަބިއްޔާގެ ނެޝެނަލް އެންޓި ކޮރަޕްޝަން ކޮމިޝަން (ނަޒާހާ) އިން ބުނެފައިވާ ގޮތުގައި މިހާރު ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ވަރަށް އަވަހަށް ދައުވާ އުފުލާނެއެވެ.

ނަޒާހާ އިން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 298 ފަރާތެއް ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ 101 މިލިއަން ޑޮލަރުގެ ޚިޔާނާތާއި ރިޝްވަތާއި ގުޅުންހުރި މައްސަލަތަކުގައެވެ. އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ދެ ފަނޑިޔާރަކު ވެސް ހިމެނެއެވެ.

2017 ވަނަ އަހަރުގެ ތެރޭގައި ވެސް ސައުދީ އަރަބިއްޔާގެ އަސްކަރީ ބާރުތަކުން ވަނީ ޝާހީ އާއިލާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފަރާތްތައް ހައްޔަރުކޮށްފައެވެ. ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާ ކުރައްވާ ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި މިފަހަރު ވެސް ސައުދީ ސަރުކާރުގެ އޮފިޝަލުންތައް ހައްޔަރުކުރީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ބާރު ގަދަ ކުރުމަށެވެ.

ސަރުކާރުގެ ގިނަ އަދަދެއްގެ އޮފިޝަލުން ހައްޔަރުކުރި އިރު މިމަހުގެ ކުރީކޮޅު ޝާހީ އާއިލާގެ ވަރަށް ސީނިއާ ތިން މެމްބަރަކު ވެސް ވަނީ ހައްޔަރުކޮށްފައެެވެ. އޭގެ ތެރޭގައި ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ކޮއްކޯފުޅު ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒް އާއި ކުރީގެ ވަލީ އަހުދު އަދި ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ބިން ނާއިފް އަދި ނާއިފްގެ ކޮއްކޯފުޅު ޕްރިންސް ނަވާފް ބިން ނާއިފް ވެސް ހިމެނެއެވެ.

ސައުދީ ޝާހީ އާއިލާއިން ސަރުކާރުގެ އިސްފަރާތްތައް ހައްޔަރުކުރުމާއި ބެހޭގޮތުން ވަކިއެއްޗެއް ބުނެފައި ނުވާއިރު އެގައުމުގެ ރަސްގެފާނު ސަލްމާންގެ ހާލުކޮޅު ވަރަށް ސީރިއަސް ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ.