English Edition
Dhivehi Edition

އެމެރިކާގައި ހުރި ނައިކް ގެ ހުރިހާ ފިހާރަތަކެއް ބަންދުކޮށްފި އެވެ. ނައިކް ގެ ފިހާރަތައް ބަންދުކޮށްފައި މިވަނީ ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ވައިރަހާއި ގުޅިގެން އެ ވައިރަސް ފެތުރޭ މިންވަރު މަދުކުރުމަށެވެ.

އިންޓަނޭޝަނަލް ބްރޭންޑެއް ކަމަށްވާ ނައިކް އިން ބުނީ އެ ކުންފުނީގެ ފިހާރަތައް ބަންދުކޮށްފައި ވަނީ އެމެރިކާގައި އެކަނި ނޫންކަމަށެވެ. އެގޮތުން ކެނެޑާ، ވެސްޓާން ޔޫރަޕް، އޮސްޓްރޭލިޔާ އަދި ނިއުޒިލޭންޑުގައި ހުރި ނައިކް ގެ ފިހާރަތައްވެސް މާދަމާއިން ފެށިގެން މިމަހުގެ 27 އާއި ހަމައަށް ބަންދުކުރާނެ ކަމަށެވެ.

ދުނިޔޭގެ އެތަކެއް ޤައުމެއްގައި ނައިކްގެ ފިހާރަތައް ހުރިއިރު އެ ކުންފުނިން ބުނީ އެ ކުންފުނީގެ ފިހާރަތައް ބަންދުކުރި ކަމުގައި ވިޔަސް އެ ކުންފުނީގެ މުއައްޒަފުންނަށް މުސާރަ ލިބޭނެ ކަމަށެވެ.

މިވަގުތު ނައިކް އިން ބަންދުނުކޮށް ބަހައްޓަން ނިންމީ ސައުތު ކޮރެއާ، ޗައިނާ، ޖަޕާން ގެ އިތުރުން އިތުރު ބައެއް ޤައުމުތަކުގައި ހުރި ފިހާރަތައް ކަމަށެވެ.

ނައިކްގެ ފިހާރަތައް ބަންދުކުރުމަށް ނިންމި އިރު ދުނިޔޭގެ ނަން މަޝްހޫރު އެހެން ކުންފުނިތައް، އެޕަލް، ވާބީ ޕާކާ، ލޫލޫ ލެމަން، ގްލޯސިއާ، ވަލްމާޓް ފަދަ ފިހާރަތައްވެސް ވަނީ ވައިރަހާއި ގުޅިގެން ބަންދުކުރަން ނިންމާފަ އެވެ