English Edition
Dhivehi Edition
އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓް - ފޮޓޯ: އަނަންތަރާ

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ސީދާ ކޮންޓެކްޓްވި ދިވެއްސަކު ޓެސްޓްކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހާ އަކީ އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ސީދާ ކޮންޓެކްޓްވެފައިވާ މީހެއް ކަމަށާއި، އެ މީހާ އެކަހެރިކޮށް ޓެސްޓްކުރުމަށްޓަކައި ފަރުކޮޅުފުށްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަނަންތަރާ ރިސޯޓުން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓްވެފައިވާއިރު، އެ ދެ މީހުންނަކީވެސް ބިދޭސީންނެވެ. އަދި އެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 އަދިވެސް ކޮންޓްރޯލް ނުކުރެވި ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާއިރު، މިހާތަނަށް ދުނިޔެއިން 169,605 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އަދި 77,776 މީހަކު އެ ބަލިން ރަނގަޅުވެފައިވާއިރު، 6,518 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.