ޗައިނާގެ ވޫހާނުން އެންމެ ފުރަތަމަ ފެނުނު އަދި އޭގެ ފަހުން ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 6515 އަށް އަރައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު އެންމެ ބާރަށް އެ ވައިރަސް ފެތުރެމުން ދަނީ ޔޫރަޕުގައެވެ. އެގޮތުން އިޓަލީން އިއްޔެ އެކަނި ވެސް 368 މީހަކު ވަނީ ކޮވިޑް 19 ޖެހިގެން މަރުވެފައެވެ. ދެން އެންމެ ގިނަ މީހުން އިއްޔެ މަރުވީ އީރާން އިންނެވެ. އެގައުމުން 113 މީހުން އިއްޔެ ވަނީ މަރުވެފައެވެ.
ކޮވިޑް ވައިރަހަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު އެމެރިކާގައި ވެސް އެ ވައިރަސް ދަނީ ފެތުރެމުންނެވެ. އެގޮތުން އެ ގައުމުގައި 3400 މީހުންނަަށް ވަނީ އެ ވައިރަސް ޖެހިފައެވެ.
މި ނުރައްކާތެރި ވައިރަހުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކުގައި ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުގައި ބޭރަށް ދިއުން މަނާކޮށްފައި ވާއިރު، ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ޔުނެސްކޯ އިން ރިޕޯޓްކުރާ ގޮތުގައި ކޮވިޑް19 ގެ ސަބަބުން 50 އަށް ވުރެ ގިނަ ގައުމުން ގާތްގަނޑަކަށް 300 މިލިއަން ކުދިން ސްކޫލަށް ނުދެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުން ދިޔަ ނަމަވެސް އެންމެ ފުރަތަމަ އެ ވައިރަސް ފެނުނު ޗައިނާގައި މިހާރު ގާތްގަނޑަކަށް ވައިރަސް ވަނީ ކޮންޓްރޯލްވެފައެވެ. އެގައުމުން އަލަށް ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އިއްޔެ ޗައިނާގައި އަލަށް ކޮވިޑް19 ޖެހިފައިވަނީ އެންމެ 16 މީހުންނަށެވެ.