English Edition
Dhivehi Edition

ޗައިނާގެ ގުއަންޒޫ އެވަގްރޭންޑުގެ ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ 40 މިލިއަން ޔޫރޯ އަށް ސްޕެއިންގެ ބާސެލޯނާއަށް ސޮއި ކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ޓޮޓެންޙަމް އިން ގުއަންޒޭއަށް 17 މިލިއަންޕައުންޑައަށް ވިއްކާލި ޕައުލީނިއޯ ބާސެލޯނާއަށް ސޮއި ކުރުމަށް ފަހު ބުނީ”ބާސެލޯނާ ކަހަލަ ވަރުގަދަ ކުލަބަކަށް ކުޅެން ފުރުސަތު ލިބުން އެއީ ހުވަފެން ހަގީގަތެއް ވުން ކަމަށާއި ކުރަން ޖެހެނީ ކިތަންމެ ބުރަ މަސައްކަތެއް ކަމުގައި ވިޔަސް މަސައްކަތް ކުރަން ތައްޔާރުކަމށެވެ.

މިއީ 222 މިލިއަން ޔޫރޯއަށް ބާސެލޯނާއިން ބްރެޒިލްގެ ނޭމާ ވިއްކާލުމަށް ފަހު އެތަން ފޫބެއްދުމަށް ބާސެލޯނާއިން ގެންނަ ފުރަތަމަ ކުޅުންތެރިއާ އެވެ. އެކަމަކު ޕައުލީނިއޯ އަކީ އޭގެ ކުރިން ވެސް ބާސެލޯނާ އިން ގެންނަން މަސައްކަތްކުރަމުން އައި ކުޅުންތެރިއެކެވެ.

ބްރެޒިލް ގައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޕައުލީނިއޯ ވަނީ ގުއަންޒޫ އިން މިދިޔަ ސީޒަނުގެ ޗައިނީސް ސުޕަ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ބާސެލޯނާގެ މެދުތެރެ ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެ ޓީމުން އެންމެ ފުރަތަމަ ގެންނަން މަސައްކަތް ކޮށްފައިވަނީ ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީވެ. އެކަމަކު އެކަން ކާމިޔާބެއް ނުވުމުން ދެން އެ ޓީމުން މަސައްކަތް ކުރަމުން ދަނީ ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭގެ ސޮއި ހޯދުމަށެވެ.މިކަން ކާމިޔާބުވާ ގޮތް ނުވުމުން ކޯޗު ޓިޓޭ ވަނީ ޕައުލީނިއޯގެ ސޮއި ހޯދާފައެވެ.