މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ކުޅިވަރު ހަރަކާތްތައް މެދުކަނޑާލައި، ކެންސަލުކުރަން ފަށާފައިވި ނަމަވެސް އަންނަ ޖުލައި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް، ރާވާފައި އޮތް ގޮތަށް ބާއްވާނެކަމަށާއި ފަސްކުރުް ނުވަތަ ކެންސަލްކުރުމުގެ ވިސްނުމެއް ނެތްކަމަށް ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ބުނެފިއެވެ.
އެހެންނަމަވެސް، އެ ހަރަކާތް ކެންސަލުކުރުމާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމައި ފަހު ބަސް ބުނުމުގެ ބާރު ލިބިގެންވަނީ އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އަށް ކަމަށް ބޮޑުވަޒީރު އަބޭ ވިދާޅުވިއެވެ.
މި އަހަރުގެ ޓޯކިއޯ ގޭމްސް ނުވަތަ އޮލިމްޕިކްސް 2020 އަށް 1.35 ޓްރިލިއަން ޑޮލަރު ހޭދަވާނެކަމަށް ބެލެވޭއިރު، އެއީ ގާތްގަނޑަކަށް 12.3 ބިލިއަން ޑޮލަރެވެ.
“ވައިރަސް ފެތުރެމުންދާ މައްސަލައަށް ހައްލެއް ހޯދައި އެ ކަންތައް ކޮންޓްރޯލުކުރާނެ. އަދި ކުރިން ރާވާފައިވާ ގޮތަށް އެއްވެސް ހުރަހެއް އަދި މައްސަލައެއް ނެތި މިއަހަރުގެ އޮލިމްޕިކްސް ކުރިއަށް ގެންދާނެ،” އަބޭ ވިދާޅުވިއެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާ އެކު މިހާރު ފެތުރޭ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 މިހާތަނަށް 150،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، ޖަޕާނުގައި އެކަނިވެސް މިހާތަނަށް 1400 އަށް ވުރެ ގިނަ މީހުންނާ ޖެހި، 28 މީހުން ވަނީ މަރުވެފައެވެ.
މި ފަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 24 އިން އޯގަސްޓް މަހުގެ 9 އަށް ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.