އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް19 ކޮރޯނާ ވައިރަހަށް ނެގެޓިވް ކަމަށް ޓެސްޓްތަކުގެ ނަތީޖާއިން ދައްކައިފއެވެ. ޓްރަމްޕް ކޮވިޑް19 އަށް ޓެސްޓް ކުރީ އެބޭފުޅާ އާއި ބައްދަލުކުރި ބްރެޒިލްގެ ވަފްދެއްގެ ބޭފުޅުންގެ ގައިން ކޮވިޑް19 ފެނިފައި ވާތީއެވެ.
ޓްރަމްޕްގެ ފިޒީޝަން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް19 ވައިރަސް ޓްރަމްޕްގެ ގައިން ފެނިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.
“ބްރެޒިލް ޑެލިގޭޝަނާއި އެކު ފަރިއްކުޅުއްވިތާ އެއް ހަފްތާ ފަހުން ރައީސްގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނޭ.” އިއްޔެ ވައިޓްހައުސް އިން ނެރުނު ބަޔާނުގައިވެއެވެ.
މިދިޔަ ހަފުތާ ބަންދުގައި ފްލޮރިޑާގެ ޓްރަމްޕް ރިސޯޓުގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ޓްރަމްޕާ އެކު ބައިވެރިވެވަޑައިގެންނެވި ބްރެޒިލްގެ ބައެއް އޮފިޝަލުން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވީ ނަމަވެސް އެ ބައްދަލުވުމައި ބައިވެރިވި ވައިޓް ހައުސްގެ އެއްވެސް ބޭފުޅަކަށް ކޮވިޑް19 ވައިރަސް އަދި ޖެހިފައެއް ނުވެއެވެ.ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އެކި ޤައުމުތަކުގެ އިސްބޭފުޅުން ހިމެނެއެވެ. އެގޮތުން ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ސޯފީ ޓްރޫޑޯ، ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ބެގޯނިޔާ ގޯމޭޒްގެ އިތުރުން އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރު ޕީޓާ ޑަޓަން ހިމެނެ އެވެ.ޓްރަމްޕްގެ ގައިން ކޮވިޑް19 ނުފެނުނު ނަމަވެސް އެމެރިކާގައި ކޮވިޑް19 ވައިރަސް ހަލުވިކަމާއި އެކު ދަނީ ފެތުރެމުންނެވެ. އެގޮތުން އެގައުމުގައި މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެ ވައިރަސް ޖެހިފައެވެ.އަދި ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު 60 އަށް އަރާއިރު ކުރިއަށް އޮތް ތަނުގައި އެމެރިކާގައި އެ ވައިރަސް ފެތުރޭ އަދަދު ވަރަށް ބޮޑަށް އިތުރު ވެދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ. ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް19 ވައިރަސް އެ ގައުމުގައި މިހާރު ވަނީ ގާތްގަނޑަކަށް ކޮންޓްރޯލްވެފައެވެ. އެހެން ނަމަވެސް ޔޫރަޕާއި އެހެނިހެން ސަރަހައްދުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް19 ދަނީ ފެތުރެމުންނެވެ.އިއްޔެގެ ނިޔަލަށް މުޅި ދުނިޔޭގައި ކޮވިޑް19 ވައިރަހަށް 156،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 5,833 މީހަކު ވަނީ މަރުވެފަ އެވެ.