English Edition
Dhivehi Edition
ކުރެދޫ އައިލެންޑް ރިސޯޓު - ފޮޓޯ: ކުރެދޫ

ޅ. އަތޮޅުގައި ތަރައްޤީކޮށްފައިވާ ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުރެއްދޫއިން ކޮވިޑް-19 އަށް ޓެސްޓްކުރި 10 މީހުންގެ ތެރެއިން ނުވަ މީހަކު އެ ބައްޔަށް ނެގެޓިވްވެފައިވާއިރު، އެކަކު ވަނީ ޕޮޒިޓިވެފައި ކަމަށެވެ. އަދި ކުރެއްދޫ އައިލެންޑް ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބިދޭސީ އަކު ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ބުނީ ކުރެއްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީ މީހާ މިހާރު ކަރަންޓީނުކުރުމަށް ފަރުކޮޅުފުށްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަށް އެރީއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، އެޗްޕީއޭގެ ނިންމުމާއި އެއްގޮތަށް ބައެއް ރަށްރަށުން މުވައްޒަފުން އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. މި ގޮތުން މީހުން އެރާ ފޭބުން މަނާކޮށްފައިވާ ރަށްތަކަކީ ކުރެއްދޫ، ސަމަރ އައިލެންޑް، ބަތަލާ، އިރުވެލި، ކުރަމަތި، ވިލަމެންދޫ، ސަންގިލީގެ އިތުރުން ސިކްސް ސެންސަސް ލާމެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އެ ރަށްރަށުން މީހުން އަރާ ފޭބުން މަޑުޖައްސާލާފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އަދި އެ ފިޔަވަޅުގެ ސަބަބުން ބަލި ކޮންޓްރޯލް ވެގެންދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށް މަބްރޫކް ވިދާޅުވިއިރު، އެ ރަށްރަށަށް މީހުން އަރާ ފޭބުން މަޑުޖައްސާލާފައިވަނީ ކިހާ މުއްދަތަކަށްކަން ހާމަކުރައްވާފައެއް ނުވެއެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ދަނީ މީރު އައިލެންޑް ރިސޯޓާއި ބަނޑޮސް އައިލެންޑް ރިސޯޓް އަދި އޮޅުވެލި ބީޗް ރިސޯޓުގެ އިތުރުން ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އާއި ޑްރީމްލޭންޑް ދި ޔުނީކް ސީ އެންޑް ލޭކް ރިސޯޓުންވެސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ބިދޭސީންތަކެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓްތައް ވަނީ މޮނިޓަރިންގްއަށް ލެވިފައެވެ.

އަދި ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދެ ބިދޭސީން ސަފާރީ އުޅަނދެއްކަމުގައިވާ ‘ވައިޓް ވޭވްސް’ ގައި އެކަހެރިކޮށް، އެފަރާތް ތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވާއިރު. އެކަމާއި ގުޅިގެން، އެ ސަފާރީ އުޅަނދު މިހާރުވަނީ މޮނީޓަރިންގ ހާލަތަކަށް ގެނެވިފައެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސް މުޅި ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.