English Edition
Dhivehi Edition
އޭޑީކޭ ހޮސްޕިޓަލް - ފޮޓޯ: ޕިންޓްރެސްޓް

އޭޑީކޭ ހޮސްޕިޓަލުގައި އޮންލައިން ފްލޫ ކްލިނިކެއް ޤާއިމްކޮށް، މިއަދުން ފެށިގެން އެ ކްލިނިކުން ހިލޭ ޚިދުމަތްދޭން ފަށައިފި އެވެ.

އޭޑީކޭ އިން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާއި ހަމައަށް އެ ކްލިނިކް ހުޅުވިފައި ހުންނާނެ ކަމަށާއި، އެޕޮއިންޓްމަންޓް ހެއްދެވުމަށް ގުޅުއްވާނީ 3313553 ނަންބަރު ފޯނާއި ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ހެއްދެވުމުން ޑިޖިޓަލް މެމޯއެއް ފޯނަށް ލިބިވަޑައިގަންނަވާނެ ކަމަށާއި، ވައިބަރ ނުވަތަ ސްކައިޕްގައި ބޭނުންކުރައްވާނީ އެހެން ނަންބަރެއްނަމަ އެ ނަންބަރު ފޯރުކޮށްދެއްވަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އާސްކް އޭޑީކޭ މެދުވެރިކޮށް (ވައިބަރ، ޓެލެގްރާމް ނުވަތަ ފޭސްބުކް މެސެންޖަރ) އިން ކިއު ތަރުތީބު ބެއްލެވޭނެ ކަމަށްވެސް އޭޑީކޭ އިން ބުނެއެވެ.

އޭޑީކޭ އިން ބުނީ އޮންލައިން ކްލިނިކްގެ ޑޮކްޓަރު ގުޅުއްވާނީ ކިއު ތަރުތީބުން ކަމަށާއި، ބަލިމީހާގެ މަޢުލޫމާތު ހިއްސާކުރެއްވުމަށްފަހު ކޮންސަލްޓޭޝަން ކުރިއަށްގެންދެވޭނެ ކަމަށެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮވިޑް-19 އަށް ރާއްޖެއިން މިހާރު 10 މީހަކު ޕޮޒިޓިވްވެފައިވާއިރު، ދިވެހި ސަރުކާރުން ދަނީ އެ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.