English Edition
Dhivehi Edition
05 މާރިޗު 2020ގައި ބޭއްވި އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގެ ގދ. ތިނަދޫ ޖަލްސާގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ލޯކަލް ކައުންސިލު އިންތިޚާބުގެ ކެމްޕެއިންގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލުމަށް ނިންމައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާތަބުކުރައްވައި، ދެއްކެވި އިރުޝާދުތަކަށް އެ ޕާޓީން މަރުޙަބާ ކިޔާ ކަމަށެވެ.

އަދި ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރެވިފައިވާއިރު، މިހާހިސާބުން އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލައި، ކޮރޯނާވައިރަހާއި ގުޅިގެން ރައްޔިތުންގެ ކިބައިން ސަރުކާރުން އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި އެ ޕާޓީގެ މެމްބަރުންނާއި އެންމެހައި އިންތިޒާމުތަކާއި ވަސީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދިނުމަށް ތައްޔާރަށް އޮތް ކަމުގައިވެސް އެ ބަޔާނުގައި އެމްޑީޕީން ބުނެފައި ވެއެވެ.

“ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން 4 އޭޕްރީލް ކަމަށް ކަނޑައަޅުއްވާފައި ވީނަމަވެސް، އެ އިންތިޚާބު ބާއްވާނޭ ދުވަސް ފަސްކުރައްވައި އޭޕްރީލް 18 ކަމަށް ހަމަޖައްސަވާފައިވުމުން ނުކުންނަ އެހެން ނަތީޖާއެއް އޮތްކަން މި ޕާރޓީން ފާހަގަކުރަމެވެ. އެހެނީ، ކެމްޕޭނު ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމަށްފަހު އިންތިޚާބާ ދެމެދަށް ކެންޑިޑޭޓުންނަށް ލިބެނީ އެންމެ 6 ދުވަސްކަމަށްވާތީ، މިއީ ކެމްޕޭނެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަން ވެސް ފާހަގަކުރަމެވެ. އަދި އެއީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައްވުރެ އެތައް ގުނައަކަށް ކުޑަ މުއްދަތެއްކަން އެނގެއެވެ.”، އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ އެ ޕާޓީއަކީ ފުޅާ މިނެއްގައި ކެމްޕެއިންގެ ޙަރަކާތްތައް ހިންގައި، ރައްޔިތުންނާ ހަމައަށް ވާސިލުވެ، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ، އެގޮތުން ފޯރުކޮށްދޭ މަޢުލޫމާތަށް ބިނާކޮށް ރައްޔިތުން ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށް ކެމްޕެއިން ކުރާ ޕާޓީއެއް ކަމަށާއި، ކެމްޕެއިން ކުރުމަށްޓަކައި ދެންވެސް ޤާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނޭކަން ކަށަވަރުކޮށްދެއްވައިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެވުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.

ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވިފައިވާ މި ދަނޑިވަޅުގައި، އިންތިޚާބުގެ ކެމްޕޭނުގެ ޙަރަކާތްތައް އެއްވެސް ސިފައެއްގައި ނުހިންގުމަށް އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށާއި ކެމްޕެއިން ޓީމުތަކަށް އެ ޕާޓީން ވަނީ އަންގައިފަ އެވެ.