މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ބިދޭސީންގެ ވިސާތައް މެޑިކަލް ރިޕޯޓާއި ނުލާ ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ.
އިމިގްރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ދަތުރު ފަތުރުކުރުން މަދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ ގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި، ވާރކް ވީޒާ އަދި އެހެނިހެން ވީޒާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވީޒާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އަލަށް ވާރކް ވީޒާ އަދި އެހެނިހެން ވީޒާއަށް އެދި ހުށަހަޅާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ ގޮތުގެ މަތިން މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ COVID-19 އާއި ގުޅިގެން 12 މާރިޗު 2020 ވަނަ ދުވަހު ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ އިޢުލާނުކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 05 ރިސޯޓަކުން 09 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގެ 08 ރިސޯޓަކަށް އަރާފޭބުންވަނީ މަނާކޮށްފައެވެ.މީގެ އިތުރުން ބަލީގެ އަލާމާތްތައް ފެނިގެން ފަނަރަ މީހެއްގެ ސާމަޕަލް ވަނީ ނަގާފައެވެ.