English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގައި ގަނެވިއްކުމުގެ ޚިދުމަތްދޭ ފިހާރައެއް - ފޮޓޯ: އާކައިވް

މި އަހަރުގެ ރަމަޟާން މަހު ފިހާރަތަކާއި ކާ ކަންތަން ހުޅުވޭނެ ގަޑިތައް ކަނޑައަޅައި އިއުލާންކޮށްފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ 19 އޭޕްރިލް 2020 އިން ފެށިގެން ރަމަޟާން މަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ކަމަށެވެ. އަދި އެ ދުވަސްތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ އިރުއޮއްސުމާ މެންދަމު 3:00 އާ ދެމެދު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ހުރިހާ ތަންތަނުންވެސް ޢަމަލުކުރަންޖެހޭނީ އެގޮތަށް ކަމަށެވެ.

ކަލަންޑަރުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ އޭޕްރީލް 24 ވާ ހުކުރު ދުވަހެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ފިހާރަތަކާއި ސައިހޮޓާ އަދި ރެސްޓޯރެންޓްފަދަ ތަންތަން ހުޅުވާފައި ހުންނަ ގަޑިތަކަށް ސަރުކާރުން ބަދަލު ގެނެއެވެ.