English Edition
Dhivehi Edition

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފިރިހެނުން އެބަލިން ފަސޭހަވުމަށްފަހު، ދަރިމައިވުމުގެ އެއްވެސް މައްސަލައެއް ހުރިތޯބެލުމަށް(ފާޓިލިޓީ) ޓެސްޓް ހެދުމަށް ޗައިނާގެ ޑޮކްޓަރުން އިލްތިމާސް ކޮށްފިއެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސްގެ އަސަރުކޮށްފައިވާ ފިރިހެނުންގެ ދަރިފަނި އުފައްދާ (ޓެސްޓިކްލްސް) އަށް މައްސަލަތައް ދިމާވުމުގެ އިތުރުން ހޯމޯން މައްސަލަ އަދި ޖިންސީ އެދުން ދަށް ވާނެކަމަށް ލަފާކޮށް ޗައިނާގެ ވުހާން ހޮސްޕިޓަލްގެ “ރިޕްރޮޑަކްޓިވް މެޑިސިންގ” ޑޮކްޓަރުންގެ ޓީމަކުން ވަނީ ޓެސްޓް ހެދުމަށް ފިރިހެނުންނަށް ގޮވައިލާފައެވެ.

ކަމާބެހޭ މާހިރުން ބުނާގޮތުގައި އާ ކޮރޯނާވައިރަސް ނޫނީ CoV-2، އިންސާނުންގެ ހަށިގަނޑުގައިވާ ސެލްތަކުގެ ތެރެއަށް ވަދެ ޓިޝޫތަކުގައިވާ ސެލް މެމްބްރޭން ޕްރޮޓިން (ACE-2) އާއި ވައިރަސްގައިވާ ސްޕައިކް ޕްރޮޓިން އެއްކޮށްލައިގެން ޓިޝޫތައް ހަލާކު ކޮށްލައެވެ. (ACE2) އަކީ އިންސާނުންގެ ފުއްޕާމޭގެ އިތުރުން ފިރިހެނުންގެ ޖިންސީގުނަވަނުގައި ގިނަ އަދަދަކަށް އެކުލެވިގެންވާ މާއްދައެކެވެ. އަދި 2002-2003 ވަނަ އަހަރުގެ SARS ބަލިމަޑުކަމުގެ ތެރެއިން ބަލިޖެހުނު ފިރިހެނުންގެ ޖިންސީ ނިޒާމުގެ ދިފާއިބާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ސިއްޙީ މާހިރުންނަށް އޭރު ފާހަގަ ކުރެވުނުކަން ކަމާބެހޭ މާހިރުން ބުނެފައި ވެއެވެ.

ސީދާ ފިރިހެނުންގެ ޖިންސީ ގުނަވަނުން SARS ކޮރޯނާ ވައިރަސް ފެނިފައި ނުވާނަމަވެސް އޭގެ ސަބަބުން އިންފެކްޓް ވެފައިވާ މީހުންގެ ޖިންސީ ގުނަވަނަށް ގެއްލުންތަކެއް ލިބިފައިވާ ކަންފާހަގަ ކުރެވުނު ކަމަށް އެމީހުންގެ ދިރާސާއިން ބުނެއެވެ.

އާކޮރޯނާ ވައިރަސް އަކީ SARS ކޮރޯނާ ވައިރަސްއާއި ދާދި އެއްގޮތް އެއްޗެއް ކަމުން، އަދި ދެވައިރަސްއަކީ ވެސް ACE-2 އާއި ގުޅިފައިވާ ވައިރަސް އެއްކަމުން، ސިއްހީ މާހިރުން ލަފާކުރާގޮތުގައި މި ވައިރަސްގެ ސަބަބުންވެސް މިފަދަ ގެއްލުން ތަކެއް ފިރިހެނުންގެ ޖިންސީ ގުނަވަނަށް ޖެހިގެން ހިނގައި ދާނެއެވެ.

“އެހެންކަމުން ވައިރަސް ޖެހިފައިވާ ފިރިހެނުންގެ ތެރެއިން ހާއްސަކޮށް ދަރިން ހޯދަން ބޭނުން ވެފައިވާ މީހުން ބަލިރަނގަޅު ވުމުން އެކަމާއިގުޅޭ ފާޓިލިޓީ ޓެސްޓްތައް ހެދުން ވަރަށް މުހިންމު. މިސާލަކަށް ދަރިފަނީގެ ފެންވަރުބެލުމަށާއި ހޯމޯންތަކުގެ ލެވެލްތައް ބެލުމަށް ޓެސްޓްތައް ހެދުން މުހިންމު” ދިރާސާގެ ޓީމުން ބުންޏެވެ.

ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުން އައި ކޮވިޑް 19 މިހާރު އެގައުމުން ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް ދުނިޔޭގެ 100އަށް ވުރެ ގިނަގައުމުތަކުގައި މިބަލި ދަނީ ފެތުރެމުންނެވެ.