English Edition
Dhivehi Edition
އޮލިމްޕަސް ސިނަމާ - ފޮޓޯ: މިހާރު

ނޭޝަނަލް އާޓް ގެލަރީއާއި އޮލިމްޕަސް ދޫކުރުންވެސް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާރިޗު 12 ވާ ބުރާސްފަތި ދުވަހުން ފެށިގެން ނޭޝަނަލް އާޓް ގެލަރީ އާއި އޮލިމްޕަސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި އެކަމާގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދޭ ކަމަށްވެސް އެންސީއޭ އިން ބުނެއެވެ.

އާޓް ގެލަރީއާއި އޮލިމްޕަސް ދޫކުރުން މެދުކަނޑާލާފައިވާއިރު، މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާރިޗު 12 ވާ ބުރާސްފަތި ދުވަހުން ފެށިގެން ޤައުމީ ކުތުބުޚާނާއިން ދެމުން ގެންދިޔަ ޙިދުމަތްތައްވެސް ވަގުތީ ގޮތުން މެދުކަނޑާލުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީންވެސް މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ ލައިބްރަރީ ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށާއި، ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދޭ ކަމަށެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ނުރައްކާތެރި ކޮވިޑް-19 މިހާރު ރާއްޖެއިންވެސް ފެނިފައިވާއިރު، މިހާތަނަށް އެ ބައްޔަށް ރާއްޖެއިން އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެކަމާއި ގުޅިގެން މިޑް ޓާމް ބަންދަށްފަހު އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވާގޮތަށް ހަމަޖެހިފައި ވަނިކޮށް، މިހާރު ސްކޫލް ހުޅުވުން ވަނީ އިތުރު އެއް ހަފްތާއަށް ލަސްވެސް ކޮށްފައެވެ.