English Edition
Dhivehi Edition
ފާރިސް ދިދަަ ބޭނުންކުރީ މައުމޫންގެ ހުއްދަ ލިބިގެން – ވަކީލުން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރީ ޕާޓީގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުއްދަ ލިބިގެން ކަމަށް ފާރިސްގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ވަކީލު ވިދާޅުވީ ޕީޕީއެމްގެ އެންމެ އިސްފަރާތަކީ އެ ޕާޓީގެ ރައީސް ކަމަށާއި އެ ނިއުސް ކޮންފަރެންސްގައި ފާރިސް ޕީޕީއެމްގެ ނަމުގައި ބައިވެރިވެވަޑައިގަތީ ޕާޓީގެ ރައީސްގެ ހުއްދައާ އެކު ކަމަށެވެ.

ޕީޕީއެމް މުސްތަޝާރު ރައީސް އަބްދު އަބްދުﷲ ޔާމީންގެ ހުއްދައާ ނުލައި އެޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނެ ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލު ވިދާޅުވީ އެ ދައުވާ ފާރިސްގެ މައްޗަށް ކުރަނީ ސިޔާސީ ޕާޓީއަކާ ގުޅޭ ކަމަކާ ގުޅޭގޮތުން ކަމަށްވާއިރު ޕާޓީތަކުގެ ގާނޫނުގައި ދިދަ އާއި ލޯގޯ ބޭނުން ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ.

ޝަޚްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ދައުލަތުން އުފުލީ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލްގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ އޭނާ ބޭނުންކުރެއްވި ކަމަށް ބުނެ އެވެ.

ފާރިސްގެ ވަކީލުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލާ، ސީނީއާ ޕަބްލިކް ޕްރޮސިކިއުޓާ އާއިޝަތު ރީޝާ ވިދާޅުވީ ފާރިސް އެ ވަނީ ދައުވާ އަށް އިއުތިރާފުވެފައި ކަމަށެވެ. ސަބަބަކީ ޕީޕީއެމްގެ އިސް ފަރާތަކީ އެ ޕާޓީގެ މުސްތަޝާރު ކަމަށާއި މުސްތަޝާރުގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކޮށްގެން ނިއުސް ކޮންފަރެންސެއް ދެއްވި ކަމަށް ފާރިސްގެ ވަކީލު ވިދާޅުވާތީ ކަމަށް ރީޝާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން، ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމެވެ.

ފާރިސްގެ ފަރާތުން ހަ ކަމެއް މިއަދު ޝަރީއަތަށް ހުށަހެޅި އެވެ. އެއީ ލިބެންޖެހޭ ހައްގުތައް ނުލިބޭ ކަމަށް ބުނެ ދައުވާ ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކާއި ގާނޫނާ ޚިލާފަށް ތަހުގީގު ހިންގާފައިވާ ކަމަށް ބުނެ އެ ދައުވާ ބާތިލް ކުރަން ހުށަހެޅި ހުށަހެޅުމަކާއި ޝަރީއަތް މަޑުޖައްސާލުމަށް އެދި ހުށަހެޅުމަކާއި އަދި ފާރިސްއާ އެއްކޮޅަށް ހުރި ހެކިތައް ހާމަ ކުރުމަށް ހުށަހެޅި ހުށަހެޅުމަކާއި ފާރިސްގެ ފަރާތުން ހޯދަންއެދޭ ބައެއް މައުލޫމާތުތައް ހާމަކުރަން ހުށަހެޅި ހުށަހެޅުމެކެވެ..

ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވި އެވެ.