ފުރަތަމަ ޓާމްގެ މެދުތެރޭގެ ބަންދަށްފަހު، އިސްކޫލު ހުޅުވެން އޮތީ އަންނަ އާދީއްތަ ދުވަހުގައެވެ. އެހެން ނަމަވެސް ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ކޮވިޑް-19 ބަލި ރާއްޖެއިން ފެނިފައިވާތީ، އެބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުން މިވަނީ އިސްކޫލުތައް ހުޅުވުން ހަފްތާއަކަށް ލަސްކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ބަލިފެތުރި ހާލަތު ގޯސްވާނަމަ އިސްކޫލު ހުޅުވުން އިތުރަށް ލަސްކުރަން ޖެހިދާނެކަމުގައިވެސް ސަރުކާރުން މިވަނީ ހާމަކޮށްފައެވެ.
ސަރުކާރުގެ މި ނިންމުމާއި އެކު ދަރިވަރުން ދެން ސްކޫލަށްދާން ހަމަޖެހިފައި މިވަނީ މި ހިނގާ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ. ވުމާއެކު މިއީ ދަރިވަރުންނަށް ލިބޭ ދިގު ޗުއްޓީއެކެވެ. ބެލެނިވެރިނަށްވެސް ދަރިވަރުން އިސްކޫލަށް ގެންދަން ނުޖެހުމާއެކު ހުސްވަގުތު އިތުރުވެގެންދާނެ ދުވަސްކޮޅެކެވެ. އެހެން ނަމަވެސް ހުރިހާ އެންމެންވެސް ޚާއްޞަކޮށް ބެލެނިވެރިންނާއި ދަރިވަރުން ހަނދާން ބަހަށްޓަންވީ އިސްކޫލުތަށް ހުޅުވުން ލަސްކުރީ އެއްގޮތަކަށްވެސް ތަންތަނަށް ދަތުރު ކުރުމަށާއި ދަތުރު ދިއުމާއި ޕާކުތަކަށް ކޮށް އުޅުމާއި ޕާޓީތަކާއި އެއްވުންތައް ބާއްވައި މަޖާކުރުމަށް ނޫން ކަމެވެ.
ސްކޫލުތައް ބަންދުވެ ޗުއްޓީދިގުވުމުން އެހެނިހެން ޗުއްޓީތަކުގައި އާންމުކޮށް ކޮށްއުޅޭ ކަންތައްތައް ކުރަން ފަށައިފިނަމަ ސަރުކާރުނަ އިސްކޫލުތައް ބަނދުކުރުމުގެ އަސްލު މަޤްޞަދު ހާޞިލެއް ނުކުރެވޭނެއެވެ. ސަރުކާރުން އިސްކޫލުތައް ބަންދުކުރީ ފެތުރެމުންދާ ބައްޔެއް ފެތުރުން ހުއްޓުވުމަށެވެ. ވައިރަހެއްގެ ސަބަބުން ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔަކުން ދަރިވަރުން ސަލާމަތް ކުރުމަށެވެ. ނޭވާލާ ނިޒާމަށް ޖެހޭ ފުރާނައަށް ނުރައްކާވާފަދަ ބައްޔަކުން ރައްކާތެރި ވުމަށެވެ. މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުން އަންނަ ބަލިމަޑުކަމުން މިޤައުމުގެ ރައްޔިތުންދިފާޢު ކުރުމަށެވެ. ވުމާއެކު ތަންތަނަށް ދަތުރު ކުރުމާއި ދަތުރު ދިއުމާއި ޕާކުތަކަށް ގޮސް އުޅުމާއި ޕާޓީތަކާއި އެއްވުންތައް ބޭއްވުމާއި ކޮފީތަކަށް ދިޔުން ވެގެންދާނި މިބަލި ފެތުރުމަށް މަގުފަހިވާނެ ކަންތައްތަކަށް ކަން ހަނދާން ކުރާށެވެ.
ލިބިފައިމިވާ ޗުއްޓީ ދުވަސްކޮޅަކީ ތިމާވެސް އެތަނަކަށް ނިސްބަތްވާ ދުނިޔެއާއި ޤައުމަށް ކުރިމަތިވެފައިވާ މި ކާރިސާއިން ސަލާމަތް ވުމަށް މަސައްކަތް ކުރާ ދުވަސްކޮޅެއްކަމުގައި ހަދާށެވެ. ކުދިންނާއެކު ތިމާވެސް ޚަބަރުތައް އަޑުއަހާށެވެ. މައުލޫމާތު ލިބިގަންނާށެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއާއި ދިވެހި ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދެއްވާ އިރުޝާދުތަކަށް އަމަލުކުރާށެވެ. މިހާރުވެސް ދެއްވާފައިވާ އިރުޝާދުތަކާއެއްގޮތަށް ޢަމަލު ކުރާށެވެ. އެގޮތުން ތިމާއާއި ކުދިންނަކީވެސް އާންމު ސާފުތާހިރުކަމަށް ސަމާލުވާ ބަޔަކަށް ވާށެވެ. ގިނަގިނައިން އަތް ދޮންނާށެވެ. ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލާއި ބަލިތަކަށް ފަރުވާދޭ ކުލިނިކް ތަކާއި ސިއްޙީ މަރުކަޒުތަކަށް ނުދާށެވެ. ކެއްސައި ކިނބިހި އެޅި ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ އެއްވެސް ތަނަކަށް ނުދާށެވެ. އަދި އަވަހަށް ފަރުވާ ހޯދާށެވެ. ގެއިން ބޭރަށް ދިއުން ވީހާވެސް މަދު ކުރާށެވެ.