ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން ޓެސްޓްކުރި ތިން މީހަކު އެ ބައްޔަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ޝައްކުކުރެވުނު ތިން މީހުންގެ ސާމްޕަލްތައްވެސް އެ ބައްޔަށް ޓެސްޓްކުރިއިރު ނެގެޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ މުވައްޒަފަކާއި ށ. ފޯކައިދޫން ފަރުކޮޅުފުއްޓަށް ގެނެވުނު މީހެއް ހިމެނޭ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.
މުޅި ރާއްޖެ ޔެލޯ އެލަރޓްގައި އޮތްއިރު، މި ބައްޔަށް ޕޮޒިޓިވްވީ ފަރާތްތައް ތިބި ދެ ރިސޯޓު ކަމަށްވާ ޅ.ކުރެއްދޫ އައިލަންޑް ރިސޯޓް އަދި އއ. ސޭންޑީސް ބަތަލާ ވަނީ އޮރެންޖް އެލަރޓުގައެވެ. އަދި އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، މޮނިޓަރ ކުރުމަށާއި “ކޮންޓެކްޓް ޓްރޭސިންގ” ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 114,422 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 4,027 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.