English Edition
Dhivehi Edition
08 ސެޕްޓެންބަރު 2017ގައި ޖޭޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: މުޙައްމަދު އަފްރާޙް (ސަން)

ކޮވިޑް-19 އާއި ގުޅިގެން އަންނަ މަހު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަދި ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން މިފަދައިން ގޮވާލައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޓެގްކުރައްވައި ކުރެއްވި އެ ޓްވީޓްގައި މައުމޫން ވިދާޅުވީ ކޮވިޑް-19ގެ ނުރައްކަލުން ރައްޔިތުން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ޢަމަލު ކުރުމުގެ ގޮތުން، ފަހުގެ ތާރީޚަކަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްދެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަނުންވެސް ވަނީ ކުރިއަށް އޮތް އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް މަޑުޖައްސާލައިފަ އެވެ.

އިންތިޚާބު ފަސްކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާއިރު، މިދިޔަ ހޮނިހިރު ދުވަހު އީސީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ 04 އޭޕްރީލް 2020 ވަނަ ދުވަހު އިންތިޚާބުތައް ނުބޭއްވޭނެފަދަ މާހައުލެއް އުފެދިފައިވާކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެ ކޮމިޝަނަށް އަންގާފައި ނުވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.

މުޅި ރާއްޖެ ޔެލޯ އެލަރޓްގައި އޮތްއިރު، މި ބައްޔަށް ޕޮޒިޓިވްވީ ފަރާތްތައް ތިބި ދެ ރިސޯޓު ކަމަށްވާ ޅ.ކުރެއްދޫ އައިލަންޑް ރިސޯޓް އަދި އއ. ސޭންޑީސް ބަތަލާ ވަނީ އޮރެންޖް އެލަރޓުގައެވެ. އަދި އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، މޮނިޓަރ ކުރުމަށާއި “ކޮންޓެކްޓް ޓްރޭސިންގ” ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 114،435 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 4,027 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.

1 ކޮމެންޓް
??
މާޗް 10, 2020
Thibey fulhaa iye vidhaalhuvi full moon ves fenaane o ekam udumahchah Beli iru his kolhigandu fenunee ??