English Edition
Dhivehi Edition
ހުޅުމާލެ ހޮސްޕިޓަލް - ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތްކުރާ ގަޑި ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަސްގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގެ ސިއްޙީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، ބަލި މީހުންނަށް ޒިޔާރަތްކުރުން ިއިއްޔެއިން ފެށިގެން ވަގުތީ ގޮތުން މަދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ބަލިމީހަކާއެކު އެއް އެހީތެރިޔަކަށް މަޑުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި، އެނޫން އެހެން ކަންކަމުގައިވެސް ކޮންމެހެން ހޮސްޕިޓަލަށް ވަޑައިގަންނަވަން ނުޖެހޭނެނަމަ ހޮސްޕިޓަލަށް ވަޑައިނުގަތުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން އިއްޔެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އަދި ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗުން ވެސް ވަނީ ކޮވިޑް-19 ވައިރަސްގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އަދި އެންމެންގެ ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގެ ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، ބަލި މީހުންނަށް ޒިޔާރަތް ކުރުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ބަލި ކަމަށްވާ ކޮވިޑް-19 އަށް ރާއްޖެއިންވެސް ހަ މީހަކު މިހާރު ޕޮޒިޓިވްވެފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ އެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.