2020 ވަނަ އަހަރަކީ ވަރަށް ގިނަ ޤައުމުތަކުން ރަނގަޅު ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ އަހަރެކެވެ. އެގޮތުން އިޤްތިސާދީ ގޮތުންނާއި، ސިއްހީ ގޮތުންނާއި، އުމްރާނީ ގޮތުންވެސް މެވެ. މިގޮތުން އެކި ޤައުމުތަކުން މި ސިޔާސަތުތައް ހާސިލް ކުރުމަށް ނިންމާފައި ވަނީ އެކި ގޮތްގޮތަށެވެ.
ކޮރޯނާ ވައިރަސް އަކީ މިދެންނެވުނު ސިޔާސަތުތައް މަޑުޖެހުމަކަށް މެދުވެރިވި އެއް ސަބަބެވެ. އެހެނީ އޭގެ ސަބަބުން ގިނަ ގައުމުތަކުގެ އިޤްތިސާދުތައް މަޑުޖެހި، ވައިރަސް އިން ޖެހުނު ބަލީގެ ޝިކާރައަކަށް ގިނަ ބަޔަކުވެ އެތައް ބަޔަކު މިބަލީގައި ނިޔާވަމުން ދަނީއެވެ.
ދުނިޔޭގެ ހަބަރުތައް ބުނާ ގޮތުން މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާއިން ނެވެ. އެހާހިސާބުން ގިނަ ބަޔަކު އެއީ ޗައިނާގެ އުފެއްދުމަށްކަމަށް ނިންމިއެވެ. އެހެންނަމަވެސް މީގެ ވަށައިގެންވާ ކަންކަމަށް ބަލާލުން ރަނގަޅެވެ.
ޗައިނާ އަކީ މިވަގުތު ދުނިޔޭގައި އިގްތިސާދީގޮތުން އެންމެ ކުރިއަރަމުންދާ ޤައުމެވެ. އެގޮތުން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން 2030 ވަނަ އަހަރު އަންނަން ވާއިރަށް ދުނިޔޭގެ ސުޕަރ ޕަވަރ އަށް ވުން އެންމެ ގާތީ ޗައިނާ އެވެ. ސަބަބަކީ ގައުމުގެ އިޤްތިސާދު ކުރިއެރުވުމަށް އެގައުމުގެ ހުރިހާ ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތެވެ. އަދި މިމަންޒަރު ދުނިޔެއަށް ނުދެއްކުމަށާއި، ޗައިނާ މަޑުޖައްސާލުމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެހެންކަމުން މިދެންނެވުނު ވައިރަހަކީ ޗައިނާގެ އިޤްތިސާދު މަޑުޖައްސާލުމަށް ދިން ހަމަލާއަކަށް ވުން ގާތެވެ. އެހެނީ ޗައިނާގެ ކެއުންތަކާއި ވައްތަރު ކެއުމަކުން އުފެދުނު ވައިރެސް އެއްކަމަށް ބުނެ މިވައިރަސް ޗައިނާ އަށް އިންޕޯޓް ކޮށްފައި ވުމީ ވެދާނެ ކަމެކެވެ.
ދުނިޔޭގެ ސުޕަރ ޕަވަރތަކުން ނިކަމެތި ޤައުމުތަކަށް އަސްކަރީ ބާރާއި އެކު އަރާ އެޤައުމުތައް ތަޅާ ސުންނާފަތި ކުރަނީ ވެސް އިޤްތިސާދީ ބޭނުމުގައެވެ. އެގޮތުން ބަލާއިރު މެދު އިރުމަތީގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތައް އަޅުވެތިކުރުމަށްފަހު ތެލާއި އެހެނިހެން މަންފާތައް ފޭރިގަނެގެން ދަނީ ބާރުގަދަ ޤައުމުގެ އިޤްތިސާދު ދެމެހެއްޓުމަށެވެ. މިމޭރުމުން ބަލާއިރު އިރާނާއި، ރަޝިޔާ، ކޮރެއާ އަދި ޗައިނާ އަށް އަސްކަރީ ބާރާއި އެކު ނާރަނީ އަމިއްލަ ޤައުމުގެ ޤާބިލުކަން ނެތުމުން ނެވެ. އެހެންކަމުން އެގޮތަށް އަރައި ނުގެނެވޭ ޤައުމުތައް އިނދެޖައްސާލުމަށް މިފަދަ ބައިލޮޖިކަލް ހަތިޔާރު މީގެ ކުރިން ވެސް ބައެއް ޤައުމުތަކުން ބޭނުންކޮށްފައި ވެއެވެ.
ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިގެން ދިޔަ ޗައިނާގައި މިހާރު އެވައިރަސް ކޮންޓްރޯލް ކުރެވިފައިވާ އިރު އެވައިރަސްގެ ހަޤީގަތް މިހާތަނަށް އެންމެ ބޮޑަށް ދެނެގަނެވުނު ޤައުމަކަށް ޗައިނާ ނޫނީ ނުވާނެއެވެ. އެހެނީ އެޤައުމުން އެވައިރަސް ދިރާސާކުރުމާއި، އޭގެ ޝިކާރައަކަށް ވެގެން ދިޔަ މީހުން ގާތުން ބެލުމާއި މިކަހަލަ އެތައް ކަމެއް ކޮށްފައިވާތީ އެވެ. އެހެންނަމަވެސް އުފެދުނު ސުވާލަކީ ވައިރަސް އެންމެ ކުޑަކޮށް ފެތުރިފައިވާ ބައެއް ޤައުމުތަކުން މިވައިރަސް އަށް ވެކްސިން އުފެއްދިކަން އިއުލާން ކުރުމުންނެވެ.
ވެކްސިނަކީ ގިނަ މަރުހަލާތަކަކަށް ދެމިގެންދާ ގޮތަށް އެކި ގޮތްގޮތަށް ޓެސްޓް ކުރެވޭ އެއްޗެކެވެ. އެހެންކަމުން މިކަމަށް ގިނަ ދުވަސްތަކެއް ނަގާނެއެވެ. އެހެންނަމަވެސް މިވައިރަސް ދުނިޔޭގެ ސަމާލުކަމަށް އައުމާއި އެކު މަދު ދުވަސްތަކެއްގެ ތެރޭގައި އެމެރިކާއާއި އިންޑިޔާ ފަދަ ގައުމުތަކުން ވެކްސިން އުފައްދައިފިއެވެ. އަދި މި ޤައުމުތަކުން އެއްބަޔަކަށް ވުރެ ކުރިން ވެކްސިން ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުންދާ ތަން ފެނެއެވެ. ސުވާލު އުފެދެނީ މިހާހިސާބުންނެވެ. މިވެކްސިން އަކީ މީގެ ކުރިންވެސް އުފައްދާފައިވާ ވެކްސިނެއް ބާއެވެ؟
ކޮންމެއަކަސް ވެކްސިން ބާޒާރަށް ނުކުމެއްޖެ ނަމަ މިވައިރަސް ފެތުރުން ހުއްޓުމަކަށް ގެނެވިދާނެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. މާނައަކީ މިވައިރަހަށް ހާއްސަ ވެކްސިން އެންމެނަށް ވެސް ޖަހަން ޖެހޭނެއެވެ. އެހެންކަމުން މިއީ މިވެކްސިން އުފައްދާ ބަޔަކަށް ނުވަތަ ޤައުމަކަށް މާލީ ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެކެވެ. ކޮންމެ ޤައުމަކުންވެސް މިވެކްސިން ގަންނާނެތީ އެވެ. އެހެންކަމުން ވެކްސިނަށް އޮތް ޑިމާންޑް މަތިވެ އަގު އުފުލިގެންދަނެތީއެވެ.
ވެކްސިނާއި އެކު ސާފުތާހިރު ކަންމަތީ ތިބުމަށް ބޭނުންކުރާ ބައެއް ސާމާންތަކުގެ އަގު މިހާރުވެސް ބާޒާރުގައި އުފުލިފައިވުމާއި، މާސްކާއި ރައްކާތެރި ކަމުގެ ހެދުންތައް ވެސް ބޭނުންކުރާ މީހުން ގިނަ ވުމުގެ ސަބަބުން އެކި ގޮތްގޮތުން ތަކެތީގެ އަގުތައް އުފުލެމުން ދެއެވެ. މީގެ ސަބަބުން މުއްސަނދި ބާރުގަދަ ގައުމުތަކަށް އިތުރު ކުރިއެރުން ލިބި ނިކަމެތި ގައުމުތައް އިނދެޖެހިގެން ދާނެއެވެ. މިއީ އަބަދުވެސް ދުނިޔޭގެ ޤައުމުތައް ކުރިއަރަމުންދާ ގޮތެވެ.
އެހެންކަމުން ކޮރޯނާ ވައިރަސް އަކީ ބާރުގަދަ ޤައުމަކުން އެޤައުމެއްގެ އިޤްތިސާދު އިތުރަށް ފުޅާކުރުމަށް އުފައްދާފައިވާ އެއްޗެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އަދި މީގެ ސަބަބުން އެޤައުމަކަށް ގިނަ ގުނަ މާލީ މަންފާ ލިބިގެންދާނެއެވެ.