English Edition
Dhivehi Edition

އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕެއިން ކޯވިޑް-19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމާއި އެކުގައި ކުރިއަށްގެންދިއުމަށް މައި ކެމްޕެއިން ޓީމުން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ އެމްޑީޕީއަކީ 93000 އަށްވުރެގިނަ މެންބަރުންތިބި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާތީ، ރާއްޖޭގެ ކޮންމެ މީހުން ދިރިއުޅޭ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެންޕެއިން މެސެޖުތަކާއެކު، ކޮވިޑް-19 އިން ސަލާމަތްވުމުގެ މައްޗަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައިކަމަށެވެ.

އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ހެލްތް މިނިސްޓްރީ އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޯވިޑް-19 އާއި ގުޅޭގޮތުން ޢާންމުކުރާ މަޢުލޫމާތާއި، ޚަބަރު އެމްޑީޕީގެ ކެންޕޭނު ޓީމުތަކުން ޢާންމުންނާ ޙިއްސާކުރަމުންދާނެކަމަށް އެޕާޓީން ބުނެއެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 ފެނިފައިވާތީ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ޙަރަކާތެއް ނުހިންގުމަށާއި، ސޯޝަލް މީޑިޔާ އަދި މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭނު ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ޕާޓީން ނިންމާފައިވަނީ 7 މާރޗް ވާ ހޮނިހިރު ދުވަހުއެވެ.