އާއިލީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެވެށި އަނިޔާއާއިން ރައްކާތެރިވުމަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ފެމިލީ އެންޑް ލީގަލް ކްލިނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އަދި ފެމިލީ އެންޑް ލީގަލް ކްލިނިކުގެ ފަރާތުން ސޮއިކުރެއްވީ އެ ކްލިނިކުގެ ކޯ-ޗެއަރޕާސަން ޙައްވާ ޝަފީއާ ރިޒާއެވެ.
ފުލުހުން ބުނީ އެ އެއްބަސްވުމުގެ ދަށުން، އާއިލީ މައްސަލަތަކުގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބިފައިވާ ފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގެވެށި އަނިޔާއާއި އެކަމުން ސަލާމަތްވެ ރައްކާތެރިވުމަށް އާއްމުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ދެ ފަރާތް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.